އިގުތިސޯދީ އަދި މާލީ ގޮތުން ހީނަރުކަމާ ކުރިމަތިލާން ޖެހި، އިޔާދަ ކުރަން ދަތި އަނދަވަޅަކަށް ވެއްޓިފައި ވާ އަވަށްޓެރި ސްރީލަންކާގެ މައި ސިޓީތަކުގައި ހިންގާ ސްކޫލްތައް ބަންދު ކުރުމަށް އެ ގައުމުގެ ތައުލީމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މައި ސިޓީތަކުގައި ހިންގާ ސްކޫލްތައް ބަންދު ކުރުމަށް ސްރީލަންކާގެ ތައުލީމާ ބެހޭ ވުޒާރާއިން ނިންމީ، އެ ގައުމުގައި ދިގުލާ ގޮސްފައިވާ ހަކަތައިގެ ކާރިސާގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ އެހެން ހިސާބުތަކުގައި ހުރި ސްކޫލްތައް އޮޕަރޭޓް ކުރެވިދާނެ ތޯ ބަލާ، އެކަމާ މެދު ގޮތެއް ނިންމުމުގެ އިހުތިޔާރު، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ސަރަހައްދީ ފެންވަރުގެ ކަމާ ބެހޭ ފަރާތްތަކަށް ދޫކޮށްލާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ކަން މިހެން އޮތް އިރު، އޮންލައިންކޮށް ކިއެވުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 އިން ފެށިގެން މެންދުރު 01:00 ގެ ނިޔަލަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާނުލުމަށް، ތައުލީމާ ބެހޭ ވުޒާރާއިން، ޕަބްލިކް ޔޫޓިލިޓީޒް ކޮމިޝަނަށް އަންގާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މަތީ ތައުލީމު ފޯރުކޮށްދިނުމަށް ސްރީލަންކާގައި ހިންގާ މުއައްސަސާތަކުގެ ތެރެއިން އެންމެ ބޮޑު މުއައްސަސާގެ ގޮތުގައި ސިފަ ކުރަމުން ދާ ޕެރަދެނިޔާ ޔުނިވާސިޓީވެސް މިހާރު ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. ކިއެވުމާއި އިމްތިހާންތައް މެދުކަނޑާލާފައި ވާ އިރު، ޔުނިވާސިޓީ ހޮސްޓެލްގައި ތިބި ދަރިވަރުންވެސް އެހެން ތަންތަނަށް ބަދަލު ވުމަށް ވަނީ އަންގާފައެވެ. އިހު އޮތް ގޮތަށް ކަންކަން އަލުން ފެށުމާ ބެހޭ މައުލޫމާތު، ވަގުތު ޖެހުމުން، ދެމުން ދާނެ ކަމަށްވެސް އެ ޔުނިވާސިޓީއިން ވަނީ ބުނެފައެވެ.

އިޔާދަ ކުރަން ދަތި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި ވާ ސްރީލަންކާގެ މަސްރަހު ހެޔޮ ފާލަކަށް އެޅުވުމަށް އެ ގައުމުގެ ސަރުކާރުން ދަނީ ކަމާ ބެހޭ އެކިއެކި ފަރާތްތަކާއެކު، އެކި ފަންތީގައި މަޝްވަރާތައް ކުރަމުންނެވެ. ބައިނަލްއަގުވާމީ އެހީއަށް ސްރީލަންކާއިން ސަލާން ޖަހަމުން ދާ އިރު، ކުރިއަށް އޮތް ދުވަސްތަކަކީ އަދަށް ވުރެ ދަތި ދުވަސްތަކެއް ކަމުގެ އިންޒާރު، އެ ގައުމުގެ ސަރުކާރުންވެސް ވަނީ ދީފައެވެ.