ޕާކިސްތާނުގެ އިގުތިސޯދީ ދުވެލި އޮމާންކޮށް ކުރިއަށް ގެންދިއުމަށްޓަކާ، އެ ގައުމުގައި އުޅޭ މީހުން ސައިބޯ މިންވަރު މަދު ކުރުމަށް ގޮވާލައިފިއެވެ.

ޕާކިސްތާނުގެ ސީނިއާ މިނިސްޓަރެއް ކަމަށް ވާ އަހްސަން އިގުބާލު ވިދާޅުވީ، ސައިބޯ މިންވަރު މަދުކޮށްފިނަމަ އެ ގައުމަށް މުދާ އިމްޕޯޓް ކުރާ ބިލުން ބޮޑު ބައެއް ހެޔޮ ވެގެން ދާނެ ކަމަށެވެ.

މި ދަނޑިވަޅަކީ ޕާކިސްތާނުގައިވެސް ބޭރު ފައިސާގެ ރިޒާވް ހީނަރުވެފައިވާ ދަނޑިވަޅެކެވެ. މި ވަގުތު އެ ގައުމުގައި ހުރީ، ކުރިއަށް އޮތް 2 މަހެއްހާ ދުވަހަށް މުދާ އިމްޕޯޓް ކުރާނެ ހާ ފައިސާއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ޕާކިސްތާނަކީ 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ސައިފަތް އިމްޕޯޓް ކުރާ ގައުމެވެ. ޕާކިސްތާނުން މިދިޔަ އަހަރުވެސް 600 މިލިއަން ޑޮލަރުގެ ސައިފަތް ގަނެފައިވެއެވެ.

އިގްބާލް ވިދާޅުވީ ކޮންމެ މީހަކުވެސް ސައިބޯ މިންވަރުން 1 ތަށި ނުވަތަ 2 ތަށި މަދު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާ، މިހާރުވެސް ޕާކިސްތާނަށް ސައިފަތް އެތެރެ ކުރަމުން ދަނީ ލޯނު އުސޫލުން ކަމަށެވެ.

ކަން މިހެން އޮތް އިރު، ގިނަ ބައެއްގެ ފާޑުކިއުންތައް، ޕާކިސްތާން ސަރުކާރަށް ދަނީ އަމާޒު ވަމުންނެވެ. ބޭރު ފައިސާގެ ރިޒާވް ހީނަރުވެ، ގައުމު އިނދަޖެހެމުން ދާއިރު ސައިބުއިން މަދުކޮށްގެން ހައްލު ހޯދިދާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވުމަކީ ތާކުން ތާކު ނުޖެހޭ މޮޔަ ކަމެއް ކަމަށް ސިފަ ކުރާ މީހުން އުޅެއެވެ.

އިގްބާލް އިތުރަށް ވިދާޅުވީ ވިޔަފާރިވެރިން ފިހާރަ ބަންދު ކުރާ ގަޑި އަވަސް ކުރުމަކީ ކަރަންޓް ހަރަދުވެސް ކުޑަ ކުރެވޭނެ ކަމެއް ކަމަށެވެ.

ފެބުރުއަރީ 2022 ގައި 16 ބިލިއަން ޑޮލަރުގައި އޮތް ޕާކިސްތާނުގެ ފޮރިން ރިޒާވް، ޖޫން 2022 ގެ ފުރަތަމަ ހަފުތާގައި ވަނީ 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑަށް ދަށް ގޮސްފައެވެ.