ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ރަޝިއާ ލަދުގަންނަވާ ނުލުމަކީ މުހިންމު ކަމެއް ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަޣޯން ވިދާޅުވުމާއެކު، ޔޫކްރައިންގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ، ފަރަންސޭސިވިލާތަށް ފާޑުވިދާޅުވެއްޖެއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އެރުމަކީ ރަޝިއާއަށް "ހެދުނު ގޯހެއް" ކަމަށް ސިފަ ކުރައްވަމުން މެކަޣޯން ވަނީ، އެ ކަމުން ސަލާމަތްވުމަށް ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަށް މަގެ އޮތުން މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ކުލެބާ ވިދާޅުވީ ރަޝިއާ އަމިއްލައަށް ގައުމު ލަދުގަންނަވާލަމުން ދާ އިރު، ރަޝިއާއަށް ހައްގު މަގާމުގައި އެ ގައުމު ބޭއްވުމަށް، ޔޫކްރައިންގެ ބައިވެރި-ގައުމުތަކުން ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.

ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމަ ހުއްޓުމަކަށް ގެނެސް، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގު ފަހި ކުރުމުގެ ގޮތުން މެކަޣޯން ވަނީ ސިލްސިލާ ގޮތެއްގައި މެދުވެރިއެއްގެ ދައުރު އަދާ ކުރައްވާފައެވެ. އެމެރިކާއާއި އިނގިރޭސިވިލާތާ ހިލާފަށް، ފަރަންސޭސިން ދަނީ ރަޝިއާއާއެކުވެސް މަޝްވަރާގެ ދޮރުތައް ހުޅުވާފައި ބޭއްވޭތޯ މަސައްކަތް ކުރަމުންނެވެ.

ޔޫކްރައިންގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ރަޝިއާ ލަދުގަންނަވާނުލާން ގޮވާލުމަކީ ފަރަންސޭސިވިލާތުން ލަދުގަންނަންޖެހޭނެ ކަމެއް ކަމަށާ، އެކަމަށް ގޮވާލާ އެހެން ކޮންމެ ގައުމަކަށްވެސް އެކަން އޮންނާނީ އެހެން ކަމަށެވެ.

ރަޝިއާގެ ރައީސް، ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެގައުމުގެ އަސްކަރިއްޔާއިން "ހާއްސަ އޮޕަރޭޝަނެއް" ގެ ނަމުގައި ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށީ ފެބުރުއަރީ 24 ވަނަ ދުވަހުއެވެ. ހަނގުރާމަ ހުއްޓޭނެ ކަމުގެ އަލިމަގެއް ނުފެނި ހަމަލާތައް ކުރިއަށްދާތާ 100 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވާ އިރު، ސުލްހައިގެ މަޝްވަރާތައްވެސް އޮތީ ފެށޭނެ ދުވަހެއް ނޭނގި، މެދުކެނޑިފައެވެ.