ދުންފަތުގެ ސިނާއަތަކީ އެ ސިނާއަތުގެ ނުރައްކާ އޮތީ ވަކި ބަޔަކަށޭ ބުނެ ފަރުޖައްސާލެވުނު ޒަމާން މާޒީވެ ހިނގައްޖެއެވެ. ދުންފަތުގެ ސިނާއަތުގެ ސަބަބުން އަނިޔާ ނުލިބޭ ހަމަ އެކަކުވެސް މި ބިމުގައި ނެތޭވެސް ދެންނެވިދާނެއެވެ. ސީދާ ގޮތުން ކުރާ އަސަރާ އެއްވަރަށް ނުވަތަ އެއަށް ވުރެވެސް ބޮޑަށް ނުސީދާ އަސަރުގެ ވޭން ހިއްޗެވެ. ދުނިޔެއަކީ ލިބިފައިވާ ވަކި އިމެއްގެ ތެރެއިން ގުދުރަތީ މުއްސަނދިކަމާއި، ވަސީލަތްތަކާއި ވެއްޓެއް ލިބިފައި އޮތް ގުރަހައެކެވެ. ނަމަވެސް، ދުންފަތުގެ ސިނާއަތުގެ ސަބަބުން އެ މުއްސަނދިކަން ހީނަރުވެ، ވަސީލަތްތައް މަދުވަމުން ދާކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

މި ވެށީގައި ލެއްވި އެންމެ އަގުބިޑު ނިއުމަތް ކަމުގައި ވާ އިންސާނުންގެ ދަރިފަސްކޮޅަށް ބަލާއިރު، ދުންފަތުގެ ސީދާ އަސަރުގެ ސަބަބުން އަހަރެއްގެ މައްޗަށް 8 މިލިއަން މީހުން މި ދުނިޔެއާ ވަކިވެދެއެވެ. އަދި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން އިތުރު އެތައް ބައެއްގެ ސިއްހަތަށް އެކަމުގެ ނޭދެވޭ އަސަރު ފޯރައެވެ. ދަނޑުބިންތަކުގެ އުފެއްދުންތެރިކަމާއި އެނޫންވެސް ގޮތްގޮތުން ތަކުލީފުތަކާ ކުރިމަތި ކުރުވައެވެ.

މީހަކު ސިނގިރޭޓް ބޮނީ/ފޮޓޯ: ދަ ޓައިމްސް

އިންސާނުންގެ ތެރެއިން ދުންފަތާ އެންމެ ދޯޅަ މީހުން އޭގެ އިސްތިއުމާލު އެންމެ އާންމު ގޮތެއްގައި ކޮށް އުޅެނީ ސިނގިރޭޓު ބުއިމުގެ ޒަރީއްޔާއިން ކަމާށް ވާ އިރު، ސިނގިރޭޓު އުފެއްދުމަށްޓަކާ 600 މިލިއަން ގަސް ކަނޑާލިކަން ދެނަ ހުރީމު ހެއްޔެވެ؟ 84 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުވެ، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދާކަން ދެނަ ހުރީމު ހެއްޔެވެ؟ ސިނގިރޭޓް އުފެއްދުމަށް، 22 ބިލިއަން ޓަނުގެ ފެން އިސްރާފު ކުރަން މަޖުބޫރު ވާ ކަން ދެނަ ހުރީމު ހެއްޔެވެ؟ މިއީ ވެއްޓަށް ލިބޭ ގެއްލުންތަކުގެ މަދު މިންވަރެކެވެ. އެހެނެއް ކަމަކު، ތިމާވެށި ހިމާޔަތް ކުރަން އެންމެ ހަރު އަޑުން ގޮވާލާ އެކްޓިވިސްޓުންގެ ތުނބުންވެސް ސިނގިރޭޓް ނައްޓާ ނުލެވޭ ފަހަރު އާދެއެވެ.

ދުންފަތުގެ ސިނާއަތުގެ ސަބަބުން ދުނިޔޭގެ ބިންގަނޑަށްވެސް ދެވެނީ ބޮޑު އަނިޔާއެކެވެ. ހަށިގަނޑަށް ފައިދާ ހުރި އެތައް ބާވަތެއްގެ ގަސްގަހާގެހި ހައްދަން އޮތް ބިމުގެ ބޮޑު ބައެއްގައި ހައްދަނީ ދުންފަތެވެ. ދުންފަތް ހެއްދުމުގެ ސަބަބުން ބިންގަނޑަށް ލިބޭ ނިކަމެތިކަމުގެ އަސަރު، ފައިދާ ހުރި ގަސްގަހާ ގެއްސަށް ފޯރައެވެ. ދުންފަތް ހެއްދި ދަނޑެއް ރީހެބިލިޓޭޓް ކުރުމަށް ބޮޑު ހަރަދެއް ހިނގައެވެ. ތަފާސް ހިސާބަކަށް ބަލާ ނަމަ، ބަންގަލަދޭޝްގައި 1 އަހަރު ވަންދެން ދުންފަތް ހެއްދި ބިމެއް ރީހެބިލިޓޭޓް ކުރުމަށް 20.6 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެއެވެ. ދުންފަތް ހެއްދުމުގެ ސަބަބުން ބިންތައް ހަނަފަސް ވަމުން ދާ މަންޒަރު، ބްރެޒީލް، އިންޑިއާ، އުރުދުން އަދި ކިއުބާއިންވެސް ދަނީ ފެންނަމުންނެވެ.

ދުންފަތް އިންދާ ހެއްދުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ. ދުންފަތް ހައްދާ މީހުންގެ ފުރާނައަށް ނުރައްކާ ބޮޑު / ފޮޓޯ: ދަ ޕިއު ޗެރިޓަބަލް ޓްރަސްޓް

ދުންފަތުގެ ސަބަބުން ދުނިޔޭގެ ސާފު ފެނުގެ ސަޕްލައިއަށްވެސް ނޭދެވޭ އަސަރު ފޯރައެވެ. އެންމެ ސިނގިރޭޓެއްގެ މުޅި ހަޔާތަށް ބަލައިލަމާ ހިނގާށެވެ. ދުންފަތް ގަސް އިންދާ، ހައްސާ ހިސާބުން ފެށިގެން، ސިނގިރޭޓް އުފައްދާ، އެ ފޯރުކޮށްދީ، އޭގެ އިސްތިއުމާލު ކޮށް، އެ އެއްލާނާ ހިސާބަށް ބާލަލި ކަމުގައި ވީ ނަމަވެސް، 1 ސިނގިރޭޓަށް 3.7 ލީޓަރުގެ ފެން އިސްރާފު ކުރަން ޖެހެއެވެ. އާންމު މިންވަރަކަށް ސިނގިރޭޓް ބޮއެ އުޅޭ މީހަކު، އެ ކަމާ ދުރުވެއްޖަނަމކަ، ދުވާލެއްގެ މައްޗަށް އެނާ އެ ރައްކާ ކޮށްދެނީ 74 ލީޓަރުގެ ފެނެވެ.

ދުންފަތް ހެއްދުމުގެ ސަބަބުން، ބިމުގެ ފެންފަށަލަ ތުނިވެއެވެ. ދުންފަތް ގަހެއް އިންދާ ހެއްދުމުގެ މަރުހަލާއަށް ބަލާއިރު، އިންސާނަކަށް އަހަރު ދުވަހަށް ބޭނުންވާހާ ފެން ބޭނުން ކުރަން ޖެހެއެވެ. ދުނިޔޭގެ ފެނުގެ ސަޕްލައިއަށް ބަލާއިރު، އެ ފެން ތަޣަޔައްރު ކުރާ ބާވަތްތަކުގެ އެންމެ ކުރީގައި އޮތީ ވެސް ސިނގިރޭޓް ފިލްޓަރު ނުވަތަ ބަޓްއެވެ. ސިނގިރޭޓް ފިލްޓަރެއް ނެތި ދިއުމަށް 10 އަހަރެއްހާ ދުވަސް ހޭދަވާއިރު، އެއީ އޭގައި އެކުލެވޭ ނޮކޮޓީންއާއި އެނޫންވެސް ކެމިކަލްތައް، ވެށީގެ ތެރެއަށް ފޫދިގެން ދާން ލިބޭ ވަގުތެކެވެ.

ދުންފަތް އިންދާ ހެއްދުމުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރިވަނީ. ދުންފަތް ހައްދާ މީހުންގެ ފުރާނައަށް ނުރައްކާ ބޮޑު / ފޮޓޯ: ދަ ޖަކާޓާ ޕޯސްޓް

ދުންނާރާ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުމުންވެސް ވެއްޓަށް ލިބޭ ގެއްލުން ކުޑައެއް ނޫނެވެ. ވަރުގަދަ ފުންގަނޑުތަކުގައި ނުވަތަ އެނޫންވެސް ގޮތް ގޮތަށް، ސިނގިރޭޓުގެ ބަދަލުގައި ދުންފަތް ބޭނުން ކުރުމުގެ ތެރޭގައި ވެއްޓަށް ލިބޭ ގެއްލުމަށް ބަލާއިރު، އެ ބަންދުކޮށްފައި އޮންނަ ކޮތަޅުގަނޑު މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. އިރެއްގައި އެއީ ދެކުނު އޭޝިއާ ސަރަހައްދަށް އާންމު ކަމަކަށް ވީ ނަމަވެސް، މިއަދު އެއީ ބައިނަލްއަގުވާމީ ފެންވަރުގެ ކަންބޮޑުވުމެކެވެ. އީ-ސިނގިރޭޓް ނުވަތަ ޒަމާނުގެ ކުދިންގެ ސިނގިރޭޓަކަށްވެސް ސަލާމަތެއް ނެތެވެ. އީ-ސިނގިރޭޓް ކާޓްރިޖާއި ބެޓެރިއަކީ ތިމާވެއްޓަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ދުންފަތް އިންދާ ހެއްދުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ. ދުން ނާރާ ދުންފަތުގެ އިސްތިއުމާލުގެ ނުރައްކާވެސް ބޮޑު / ފޮޓޯ: މީޑިއަމް

ވެއްޓަށް ލިބޭ މިފަދަ ކިތަންމެ ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ފޯރަނީ އިންސާނުންނަށެވެ. ދުންފަތް އިންދާ ހައްދާ ދަނޑުވެރިއަކަށް ބަލާއިރު 50 ސިނގިރޭޓުގައި އެކުލެވޭހާ ނިކޮޓީން، ދުވާލެއްގެ މައްޗަށް އޭނާގެ ހަށިގަނޑު ތެރެއަށް ވަދެގެން ދެއެވެ. ގްރީން ޓޮބޭކޯ ސިކްނަސް ނުވަތަ ނިކޮޓީން ވިހަވުމަކީ، މިފަދަ ކޮންމެ 4 ދަނޑުވެރިއަކުން 1 އަށް ކުރިމަތިލާން ޖެހޭ ކަމެކެވެ. ނުރައްކާތެރި އެތައް މާއްދާއަކަށް ތާ އަބަދުމެ ހުށަހެޅިފައި ހުރުމުގެ ސަބަބުން، އައިބު ހުންނަ ދަރިން ލިބުމާއި، ކެންސަރަށް ހުށަހެޅުމާއި ޖެނެޓިކް ބަދަލުތައް އައުމާއި، ލެއާއި ނާރުގެ ބަލިތަކުގެ އިތުރުންވެސް ސިއްހަތައް ގެއްލުން ދެނިވި އެތައް ކަމަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ދުންފަތުގެ ސިނާއަތުގެ ސަބަބުން އިންސާނީ ހަޟާރާތަށް ލިބެމުންދާ ގެއްލުންތަކަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އެތައް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ އެއް ދުވަހަކީ ވޯލްޑް ނޯ ޓޮބޭކޯ ޑޭ ނުވަތަ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް މެއި 31 ފާހަގަ ކުރަނީ އެ ދުވަހުގެ ގޮތުގައެވެ.