އެމެރިކާގެ ޓެކްސަސްގައި ކުޑަކުދިންގެ ސްކޫލަކަށް ވަދެ ބަޑީގެ ހަމަލާތަކެއް ދީ 21 މީހެއްގެ ފުރާނަ ދުއްވާލި ޒުވާނާ، އެ ޖަރީމާ ހިންގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ހަމަލާއެއް ދޭނެ ކަމަށް، ސޯޝަލް މީޑިއާގައި ހާމަކޮށްފައި އޮތް ކަމަށް، ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވެއްޖެއެވެ. ނަމަވެސް އޭނާގެ ނިޔަތް ހާމަކޮށްފައެއް ނުވެއެވެ.

އޭރް-15 މަރުކާގެ ބަޑިއެއް ހިފައިގެން ރޮބް އެލެމެންޓްރީ ސްކޫލަށް ވަދެ، އުމުރުން 18 އަހަރުގެ ސެލްވާޑޯ ރާމޯސް ދިން ބަޑީގެ ހަމަލާތަކުގައި 19 ދަރިވަރަކާއި 2 ޓީޗަރެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކެއްގައި، ރާމޯސްވެސް މަރުވެފައި ވާ އިރު، ސްކޫލަށް ވަދެ ހަމަލާ ދިނުމުގެ ކުރިން އޭނާގެ މާމަ މަރާލާފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

އެމެރިކާގެ ޓެކްސަސްގައި ހުންނަ ރޮބް އެލެމެންޓްރީ ސްކޫލްގައި ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން ސަލާމަތީ ބާރުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ / ފޮޓޯ: ސީއެންއެން

އުމުރުން 10 އަހަރުން ދަށުގެ ކުދިންތަކެއް ތައުލީމު ހާސިލު ކުރަމުން ދިޔަ ސްކޫލަށް ވަދެ ބަޑީގެ ހަމަލާތައް ދިނުމުގެ ކުރިން ރާމޯސް ވަނީ، އެލެމެންޓްރީ ސްކޫލަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު، ސޯޝަލް މީޑިއާގައި ދީފައެވެ. ހަމަލާގެ 30 މިނެޓް ކުރިއަށް ބަލާއިރު ސޯޝަލް މީޑިއާއަށް 3 ޕޯސްޓެއް ދޫކޮށްލި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން، އޭނާގެ މާމަ މަރާލި މަގުސަދުވެސް ސޯޝަލް މީޑިއާގައި ބަޔާން ކޮށްފައި އޮތް ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ރާމޯސްއަކީ ނަފްސާނީ ބަލީގެ މައްސަލައެއް ނުވަތަ ޖިނާއި ކުށުގެ ރެކޯޑެއް އޮތް މީހެއްކަން އެނގެން ނެތް ކަމަށް އެބޮޓް ވަނީ ވިދާޅުވެފައެވެ. ރާމޯސްއަކީވެސް ހަމަލާ ދިން ސަރަހައްދުގެ ހައި ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އަހަރުގެ ކިއެވުން ނިމެން 2 ދުވަހަކަށް ވެފައި ވަނިކޮށް ދިން ބަޑީގެ ހަމަލާތަކުގައި 17 މީހަކު ޒަހަމްވެފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ޓެކްސަސްގައި ހުންނަ ރޮބް އެލެމެންޓްރީ ސްކޫލްގައި ބަޑީގެ ހަމަލާތަކެއް ދިން 18 އަހަރުގެ ޒުވާނާ ދުއްވަމުން ދިޔަ ކާރު އެކްސިޑެންޓް ކޮށްލާފައި / ފޮޓޯ: ސީއެންއެން

މިނިވަންކަމާއި ހައްގުތަކަށް އެންމެ ފުޅާ ދާއިރާއެއްގައި ވަކާލާތު ކުރަމުން ދާ އެމެރިކާގައި ބަޑީގެ ހަމަލާތަކެއް ދީ، މައުސޫމު އެތައް ބައެއްގެ ފުރާނަ ދުއްވާލުމުގެ ޖަރީމާތައް އިތުރު ވަމުން ދާއިރު، އާންމުން ބަޑި ގެންގުޅުމާ މެދު ހަރުދަނާ އުސޫލެއް އެކުލަވާލުމަށް އެ ގައުމު ވަނީ ފެއިލްވެފައެވެ. ބަޑި ގެންގުޅުމުގައި ހަރުދަނާ އުސޫލެއް އެކުލަވާލުމުގެ ކަންކަން ސިޔާސީ ކޯޅުމަކަށް ބަދަލުވެފައި ވާ އިރު، ގިނަ ބައެއްގެ ފާޑުކިއުންތައްވެސް އަމާޒު ވަމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ހަމަލާއާ ގުޅިގެން ޓެކްސަސްގެ ސެނެޓާ ޓެޑް ކްރޫޒް ވަނީ، މިއީ އިންތިހާއަށް ހިތާމަވެރި ހާދިސާއެއް ކަމަށާ، ނަމަވެސް ބަޑި ގެންގުޅުމުގެ ގާނޫނު އިސްލާހް ކުރުމަކީ މިކަމަށް އޮތް ހައްލު ނޫން ކަމަށް ވިދާޅުވެފައެވެ. ނޫސްވެރިންނާ މުހާތަބު ކުރައްވާ ސެނެޓާ ކްރޫޒް ވިދާޅުވީ، ގާނޫނަށް އިހުތިރާމް ކޮށްގެން އުޅޭ ރައްޔިތުންގެ ބާރުތައް ހަނި ކުރުމަކީ އެކަން ވާންޖެހޭ ގޮތް ނޫން ކަމަށެވެ. އަދި އެއީ ނަތީޖާއެއް ނެރެވޭނެ ކަމެއް ނޫން ކަމަށާ، އެކަމުގެ ސަބަބުން ޖިނާއީ ކުށްތައް މަދުވެގެން ނުދާނެ ކަމަށްވެސް ސެނެޓާ ކްރޫޒް ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު އެމެރިކާގެ ކުރީގެ ފޮރިން މިނިސްޓަރު ހިލަރީ ކްލިންޓަން ވަނީ އެމެރިކާގައި ބަޑި ގެންގުޅުމުގެ އުސޫލުތައް ކޮންޓްރޯލް ކުރުމަށް ގޮވާލާ ޓްވީޓް ކުރައްވާފައެވެ. އެމެރިކާއިން ދަނީ ގައުމުގެ ދަރިން މަރަމުން ކަމަށްވެސް ހިލަރީގެ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ. ހިލަރީގެ ފިރިކަލުން އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ވާހަކަފުޅުވެސް ހުރީ އެފަދަ ރޫހެއްގައެވެ.

އެމެރިކާގެ ޓެކްސަސްގައި ހުންނަ ރޮބް އެލެމެންޓްރީ ސްކޫލްގައި ބަޑީގެ ހަމަލާތަކެއް ދީ ގިނަ އަދަދެއްގެ ކުޑަކުދިން މަރާލި ހާދިސާއާ ގުޅިގެން ވައިޓްހައުސްގައި ހުންނަ އެމެރިކާގެ ދިދަ، ބައި ދަނޑިއަށް ތިރި ކޮށްފައި / ފޮޓޯ: ސީއެންއެން

ޓެކްސަސްގެ އެލެމެންޓްރީ ސްކޫލްގައި ދިން ބަޑީގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ވިދާޅުވީ ގައުމު ވާގިނެތިފައި ވާ ކަމަށާ، ނަމަވެސް އެއީ ބިރަކުން ނޫން ކަމަށެވެ. ގައުމު ވާގި ނެތިފައި ވަނީ ސިޔާސީ ޕާޓީއެއްގެ ސަބަބުން ކަމަށް އޮބާމާ ވަނީ ވިދާޅުވެފައެވެ.

އޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަނބުރާ ގައުމަށް ވަޑައިގެންނެވި ގޮތަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ ބަޑީގެ ހަމަލާތަކާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. ބައިޑަންގެ ވާހަކަފުޅުގައިވެސް، ބަޑި ގެންގުޅުމުގެ ކަންކަން ކޮންޓްރޯލް ކުރުމަށް އެންމެން އެކުގައި ތެދުވުމަށް ގޮވާލައްވާފައިވެއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން