އިރާގު، ސޫރިޔާ އަދި އީރާންވެސް ހިމެނޭހެން މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެލީގެ ތޫފާނެއް ކުރިމަތިވެ، އެތައް ބަޔަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދޭން ޖެހި، ބައެއް ސަރަހައްދުތަކުގެ ފްލައިޓް ދަތުރުތަކަށް ބުރޫ އަރައިފިއެވެ.
މި އަހަރަށް ފެށުނު ފަހުން ސިލްސިލާ ގޮތެއްގައި މެދުއިރުމައްޗަށް ކުރިމަތި ވަމުން އަންނަ ވެލީގެ ތޫފާންތަކުގައި ރިޔާދުން ފެށިގެން ތެހްރާންއަށް، އުޑުމަތި ވަނީ ގަދަ އޮރެންޖު ކުލައަކަށް ބަދަލުވެފައެވެ. މި ބަދަލާއެކު އާންމު ރައްޔިތުންނާއި ތަޖުރިބާކާރުންގެ އިތުރުން އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ ސަބަބަކީ މޫސުމީ ނޭދެވޭ ބަދަލުތަކާއި ސަރުކާރުގެ ފެންވަރުގައި ގަވައިދުތައް ބަލިކަށި ވުން ކަމަށެވެ.
ވެލީގެ ތޫފާންތަކަކީ ބަހާރު މޫސުމުގެ ފަހުކޮޅާއި ހޫނު މޫސުމުގެ ދުވަސްވަރު، ވަޔާއެކު ކުރިމަތިވާ އާންމު ކަމެކެވެ. ނަމަވެސް މި އަހަރުގެ މާޗް މަހުން ފެށިގެން ކޮންމެ ހަފުތާއަކުވެސް އިރާގަށް ވެލީގެ ތޫފާން ކުރިމަތި ވާ ކަމަށް ހަބަރު ލިބެއެވެ.
އިރާގުން ވަނީ ވެލީގެ ތޫފާންތަކަށް ތައްޔާރުވެސް ވެފައެވެ. އެގޮތުން އިއްޔެ އަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައެޅިއެވެ. އަދި ހޮސްޕިޓަލްތަކަށް ބޭނުންވާ އޮކްސިޖަން ކެނިސްޓަރުތައްވެސް ހޯދި ކަމަށް މައުލޫމާތު ލިބެއެވެ. ނޭވާ ލުމުގެ ނިޒާމަށް މައްސަލަތަކެއް ދިމާވެގެން އެ ގައުމުގެ އެކި ހިސާބުތަކުން 1000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދި ކަމަށް އިރާގުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ސައިފް އަލް-ބަދްރު ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ވިދާޅުވެފައެވެ.
ސޫރިޔާއިންވެސް އޮތީ ވެލީގެ ތޫފާނަށް ތައްޔާރުވެގެންނެވެ. މި މަހު ކުރީކޮޅުވެސް ސޫރިޔާއަށް ވެލީގެ ތޫފާނެއް އަރާފައި ވާ އިރު، އެ ފަހަރުގެ ހާދިސާގައި 3 މީހެއްގެ ފުރާނަ ގެއްލި، އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.
ކުވައިތުގެ ފަޒާގައިވެސް ވެލީގެ ތޫފާނުގެ ސާލެއް ފެތުރިގެން ދިޔައިރު އެ ގައުމުން ވަނީ ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓްގެ ފްލައިޓް އޮޕަރޭޝަންތައް މެދުކަނޑާލަފައެވެ. ފްލައިޓް އޮޕަރޭޝަންތައް މެދުކަނޑާލީ ހިރަފުސް ބޯވެގެން ކަމަށް މައުލޫމާތު ލިބެއެވެ. އީރާނުންވެސް ވަނީ ގިނަ އަދަދެއްގެ ފްލައިޓްތަކެއް ކެންސަލްކޮށް، ނުވަތަ ޑިލޭ ކޮށްފައެވެ.
ސައުދީ އަރަބިއްޔާއަށް ބަލާއިރު މިއީ ހަފުތާއެއްވެސް ފުރިހަމަ ނުވަނީސް ވެރިރަށް ރިޔާދަށް މިފަދަ ކަމެއް ކުރިމަތިވި 2 ވަނަ ފަހަރެވެ. ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ދުއްވާ ފަރާތްތަކުން ދުވެލި މަޑު ކުރަން އިރުޝާދު ދީފައެވެ.