އިންޑިއާގެ ބާޒާރުތަކުގައި ހަކަތައިގެ އަގު ދަށް ކުރުމާ ގުޅިގެން، އެ ގައުމުގެ ހަތުރުވެރި އަވަށްޓެރި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން، އިންޑިއާއަށް ތައުރީފު ކުރައްވައިފިއެވެ.

އެގޮތުން އެމެރިކާގެ ޑިމާންޑްތަކުގެ ކުރިމަތީގައި ކުޑަކަކޫޖެހުމެއް ނެތި، ހެޔޮ އަގުގައި ރަޝިއާ އަތުން އިންޑިއާއިން ތެޔޮ ގަނެފައި ވާ ކަން އިމްރާން ވަނީ، ތައުރީފު ކުރައްވަނިވި ރޫހެއްގައި ފާހަގަ ކުރައްވާފައެވެ. ޕާކިސްތާނުގެ ވެރިކަމުގައި އޭނާ ހުންނެވި ދުވަސްވަރުވެސް، މިނިވަން ހާރިޖީ ސިޔާސަތެއްގެ އެހީގައި އެފަދަ ހައްލެއް ހޯއްދެއްވުމަށް ޕާކިސްތާނުގެ ސަރުކާރުން މަސައްކަތް ކޮށްފައި ވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިގުތިސޯދު އަނގަވަތަށް ވެއްޓެން ދާއިރުވެސް ޕާކިސްތާން މުސްލިމް ލީގު (އެން)ގެ ސަރުކާރުން "ތެޅިފޮޅެމުން ދަނީ ބޯ ނެތް ކުކުޅެއް ތެޅޭ ފަދައިން" ކަމަށް ވިދާޅުވެ، އިމްރާން ވަނީ ޕާކިސްތާނުގެ އަދުގެ ސަރުކާރަށްވެސް ފާޑުވިދާޅުވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި އިންޑިއާ ސަރުކާރުން ވަނީ ރަޝިއާ އަތުން އިންތިހާ ހެޔޮ އަގުގައި ތެޔޮ ގަނެ، ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށް، އާންމުންގެ ޖީބުތަކަށް ލުއި ކޮށްދީފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން 9.5 ރުޕީޒް އަދި ޑީސަލް ލީޓަރަކުން 7 ރުޕީޒް ހެޔޮ ކޮށްދީފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ރަޝިއާ އަތުން އިންޑިއާއިން ހެޔޮ އަގުގައި ތެޔޮ ގަނެފައި މިވަނީ، ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިއާއާއެކު ވިޔަފާރި ނުކުރުމަށް ހުޅަނގުގެ ގައުމުތަކުން ގޮވާލާ، ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައެވެ.