އިންޑިއާގައި ދުފުމެއްގެ ގޮތުގައި އަދި އަނގަމީރުކޮށްލަން ކާ ދުންފަތް ހިމެނޭ ބާވަތެއް އިސްތިހާރު ކުރާތީ، އަމީތާބު ބައްޗަން އާއި، ޝާހްރުކް ހާން އާއި، ރަންވީރް ސިންގް އަދި އަޖޭ ދޭވްގަންއާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.

އިންޑިއާގެ ނޫހެއްކަމަށް ވާ ޓައިމްސް ނައުގައި ބުނެފައި ވާ ގޮތުން، މުޒައްފަރުޕޫރުގެ އެކްޓިވިސްޓަކު ވަނީ އެ ސްޓާރުންނާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދާފައެވެ. އަދި ކޯޓުން މައްސަލަ ބަލައިގެންފައި ވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ. މިހާރު އަޑުއެހުން ތާވަލު ކޮށްފައި ވާ ކަމަށާއި ފުރަތަމަ އަޑުއެހުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ދުންފަތުގެ ބާވަތްތައް ހިމެނޭ އެތައް ލުއި ކެއުމެއް އިންޑިއާގައި އެކި ނަންނަމުގައި ވިއްކައެވެ. ޕާން މަސާލާ، ޕާން ޕްރާގް، ޝިކާރް ގުޓްކާ، އާރުއެމްޑީ ފަދަ އެތައް ބްރޭންޑެއް ހުރެއެވެ.

އާންމުކޮށް މިހުރިހާ ބާވަތަކީވެސް ހިންދީ ބަހުން ގްޓްކާއެވެ. ގްޓްކާއަކީ، ދުންފަތާއި ފޯކާ އެއްކޮށް، އަދި ރަހަމީރުކުރަން އެހެން ބައެއް ބާވަތްތައްވެސް އަޅައިގެން ހަދާފައި ހުންނަ ދުފުމެކެވެ. އިހުޒަމާނުގައި ރާއްޖޭގައި ވެސް މިބާވަތުގެ ދުފުންގަނޑު ހެދުމަކީ އާންމު ކަމެކެވެ. މިހާރުވެސް ވަނަށް އަޅާ ތަޅައިގެން މި ޒާތުގެ ދުފުންގަނޑު ރާއްޖޭގައި ހަދައެވެ. އަދި މި ބާވަތްތައް ވަކިން އަޅާ މަޑިސީލަ ހަދައިގެންވެސް ގެންގުޅެއެވެ.

ޕެކެތްގައި ހުންނަ ދުންފަތުގެ ބާވަރެއް މީހަކު އަތަށް އަޅަނީ

ގްޓްކާ އިޝްތިހާރު ކުރި މައްސަލައެއްގައި މީގެ ކުރިން އަކްޝޭއާ ދެކޮޅަށްވެސް ސޯޝަލްމީޑިއާ އެކްޓިވިސްޓުން ވަރުގަދަ ކެމްޕެއިނެއް ހިންގިއެވެ. އެއާއެކު އޭނާ މާފަށް އެދި އެ ބްރޭންޑް އިޝްތިހާރު ކުރުން ވަނީ ހުއްޓާލާފައެވެ. މިދިޔަ އަހަރު އޮކްޓޯބަރުގައި ދުންފަތް އޮސްތިހާރު ކުރި ކަމަށް ބުނެ އަމީތާބަށްވެސް މިފަދަ ކަމަކާ ކުރިމަތިވެ ކޮންޓްރެކްޓް ބާތިލް ކުރިއެވެ. އަދި އެ އިޝްތިހާރަށް އޭނާ ނެގި ފައިސާ ކޮންޓްރެކްޓަރަށް އަނބުރާ ދިން ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާގައި މަގުބޫލު ތަރިން، އެކިއެކި ބްރޭންޑްތައް އިޝްތިހާރު ކުރަނީ ބޮޑެތި އަގުތަކަށް ކަމަށް ވާއިރު، އިޝްތިހާރު ކުރެވޭ ބްރޭންޑަކީ ވަކި ބަޔަކަށް ކަމުނުދާ ބްރޭންޑެއް ނަމަ، ނުވަތަ ވަކި ބަޔަކަށް އަމާޒުވާ ބްރޭންޑެއް ނަމަ، އެ މީހަކާ ދެކޮޅަށް ނުވަތަ އެ ބްރޭންޑަކާ ދެކޮޅަށް، ކެމްޕެއިން ހިންގުމަކީ އާންމު ކަމެކެވެ. ބައެއް ފަހަރު މި ފަދަ ކަންކަން ހިންގަނީ ބަޔަކު ސިޔާސީ މަންފާއެއް ހޯދުމަށެވެ.