ކުއްލި ހާލަތުގެ އިގުތިސޯދީ ޕްލޭންގެ ދަށުން އެ ގައުމަށް ލަގްޒަރީ މުދާ އެތެރެ ކުރުން، ޕާކިސްތާނުން މަނާ ކޮށްފިއެވެ.

މި ފިޔަވަޅަކީ ބޭރު ފައިސާގެ ރިޒާވް ހީނަރުވުމާއި، ޕާކިސްތާނު ފައިސާ (ރުޕީޒް)ގެ އަގު ދަށަށް ދާ ދިއުމާ ގުޅިގެން ތަންފީޒު ކުރަން ފެށި ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޓްވިޓާ މެދުވެރި ކުރައްވާ މި ނިންމުން އިއުލާން ކުރައްވަމުން ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ވިދާޅުވީ، އެ ނިންމުމަކީ ޕާކިސްތާނުގެ އިންތިހާ އަގުހުރި ބޭރު ފައިސާގެ ރިޒާވް ހިމާޔަތް ކޮށްދޭނެ ނިންމުމެއް ކަމަށެވެ. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމަށާ، މާލީ ގޮތުން ތަނަވަސް މީހުންގެ އެއްބާރުލުން އެ ކަމަށް ދީ، ނިކަމެތީންނަށް މި ދަނޑިވަޅުގައި އުފުލަންޖެހޭ ތަކުލީފު ކުޑަ ކުރުމަށްވެސް ޝަހްބާޒް ވަނީ ގޮވާލައްވާފައެވެ.

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ހީނަރުވެ، ކަރަންޓް އެކައުންޓް ދަރަނިވެރިވެފައި ވާ މި ދަނޑިވަޅުގައި، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ޕާކިސްތަން ރުޕީޒްގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ބުރާސްފަތި ދުވަހު، ޑޮލަރަކަށް 200 ޕާކިސްތާން ޖެހުނުތަން ވަނީ ފެނިފައެވެ. އެއީ ރެކޯޑް ދަށް މިންވަރެކެވެ.

މި ހައްސާސީ ދަނޑިވަޅުގައި ލަގްޒަރީ މުދަލުގެ ގޮތުގައި ޕާކިސްތާނަށް އެތެރެ ކުރުން މަނާ ކޮށްފައިވާ ގިނަ އަދަދެއްގެ ތަކެތި އެކުލެވޭ ލިސްޓެއް އެބައޮތެވެ. އެ ލިސްޓުގައި ހިމެނޭ ބައެއް އުފެއްދުންތަކަށް ބަލާއިރު ކާރު، މޯބައިލް ފޯނު، ގެވެހި ކަންވާރު، އަފްގާނިސްތާނު ފިޔަވާ އެހެން ގައުމުތަކުން އެތެރެ ކުރާ ތާޒާ މޭވާއާއި ހިއްކި މޭވާ، ބޫޓު، ހެޑްފޯނާއި ލައުޑްސްޕީކަރު، ސޯސް، ދޮރާއި ކުޑަދޮރުކަނި، ރޯމަހާއި ގަނޑުކުރި މަސް، ޓިޝޫ، ފަރުނީޗަރު، ޝޭމްޕޫ، ޖޫސް، ޕާސްތާ، މިއުޒިކް ކުޅޭ ސާމާނާއި ސެލޫންތަކަށް ބޭނުންވާ ސާމާނުގެ އިތުރުން ޗޮކްލެޓް ފަދަ އެތައް ބާއްވަތެއް ފާހަގަ ކުރެވެއެވެ.