ހުޅަނގުގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ "މަންކީޕޮކްސް" ބަލީގެ ކޭސްތަކުގެ ތެރެއިން ބައްޔަށް ކަށަވަރު ވެފައި ވާ ކޭސްތަކާއި ޝައްކު ކުރެވޭ ކޭސްތަކުގެ ތަހުގީގު ފަށައިފިއެވެ.

އެގޮތުން ވިލާތުގެ ބައެއް ގައުމުތަކާއި އެމެރިކާގެ އިތުރުން ކެނެޑާ އަދި އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ފަށާފައި ވާ ކަމަށް އެ ގައުމުތަކުގެ ސިއްހަތާ ބެހޭ އިދާރާތަކާއި މީޑިއާއާ ހަވާލާދީ ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މަންކީޕޮކްސްގެ ކޭސްތައް އެންމެ ފަހުން ރިޕޯޓް ކުރި ގައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތް، އިޓަލީވިލާތް އަދި ސްވީޑަން ހިމެނެއެވެ. އެމެރިކާ، ސްޕެއިން އަދި ޕޯޗުގަލްއިން ވަނީ އެ ބައްޔަށް ކޭސްތަކެއް ޕޮޒިޓިވްވެފައެވެ. ކެނެޑާގައި ޝައްކު ކުރެވޭ 13 ކޭހެއް އުޅޭ ކަމަށް ހަބަރު ލިބެއެވެ.

މަންކީޕޮކްސް އެންމެ އާންމުކޮށް ފެންނަނީ މެދުތެރޭ އަދި ހުޅަނގު އެފްރިކާ ސަރަހައްދުންނެވެ. އެ ސަރަހައްދުން ބޭރުން ބަލި ފެނުން ގުޅިފައި އޮންނަނީ ދަތުރުފަތުރާއެވެ.

މަންކީޕޮކްސް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފައިލް ފޮޓޯ: މިންޓް

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސްއިން ބުނެފައި ވާ ގޮތުގައި މަންކީޕޮކްސްއަކީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަންއެކެވެ. އާންމު ގޮތެއްގައި މާ ސީރިއަސްވެސް ވާ ބައްޔެއް ނޫނެވެ. އަދި ބަލި ޖެހޭ މީހުން، މަދު ހަފުތާކޮޅެއްގެ ތެރޭގައި ރަނގަޅުވާ ބައްޔެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މަންކީޕޮކްސް ޖައްސާ ވައިރަހަކީ އިންސާނުންގެ މެދުގައި މާ ފަސޭހައިން ފެތުރޭ ވައިރަހެއް ނޫނެވެ. އަދި އާންމު މުޖުތަމައަށް އެ ބަލީގެ ނުރައްކާ ބޮޑުވެގެން ދިއުމުގެ ފުރުސަތުވެސް ކުޑައެވެ.

އިނގިރޭސިވިލާތުން މަންކީޕޮކްސްގެ ކޭހެއް އެންމެ ފުރަތަމަ ފެނިގެން ރިޕޯޓް ކުރީ މެއި 7 ވަނަ ދުވަހުއެވެ. އެމީހާއަކީ ދާދި ފަހުން ނައިޖީރިއާއަށް ދަތުރުކުރި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސްވީޑަންއިން ބަލި ފެނުނު މީހާއަށް އެ ބަލި ޖެހުނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މަންކީޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރާނެ ވަކި ވެކްސިނަކަށް ވިލާތުގައި އަދި ރުހުން ދީފައި ނުވި ނަމަވެސް، ސްމޯލްޕޮކްސް ވެކްސިންގެ އެތައް ހާސް ޑޯޒްއެއް ސްޕެއިނުން ގަނެފައިވާ ކަމަށް ހަބަރު ލިބެއެވެ.

މަންކީޕޮކްސް ޖެހުމުން އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، އުނަގަނޑުގައި ރިއްސުން އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. އަދި ވަރުބަލިވެ، ކަމެއް ކުރާ ހިތްނުވެ މޫޑު ނެތުން ފަދަ އަލާމާތްތައްވެސް އެކުލެވެއެވެ.

މަންކީޕޮކްސް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފައިލް ފޮޓޯ: އިންޑިއަންނޭޝަން

ހުންގަނޑު ވިހެލަން ފަށާ ހިސާބުން ބިހިގަނޑެއް ނަގައެވެ. އާންމުކޮށް ފަށާނީ މޫނުންނެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ. އެންމެ ގިނައިން ފެންނަނީ އަތްތިލައިންނާއި ފައިތިލައިންނެވެ. މި ބިހިގަނޑަކީ ވަރަށް ގަދައަށް ހިރުވާ ބިހިގަނޑެކެވެ. އެތައް މަރުހަލާއެއް ކަޑަތު ކުރުމަށްފަހު ފާރުކޮޅަކަށް ބަދަލުވެ، ފާރުކޮޅުގެ މަތިވެއްޓެއެވެ. ފާރުވެއްޖެނަމަ ލަކުނުވެސްލައެވެ. މަންކީޕޮކްސްގެ އިންފެކްޝަންއިން ސަލާމަތްވުމަށް 14 ދުވަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.

އާންމުކޮށް މަންކީޕޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގާތުން ކޮންޓެކްޓް ވެގެންނެވެ. ގައިގެ ހަމުގައި ހަލާކުވެފައި ހުންނަ ތަންތަނުންނާއި ނޭވާލުމުގެ ނިޒާމުގެ ތެރެއިން ނުވަތަ ލޯ، ނޭފަތް ނުވަތަ އަނގަފަދަ ގުނަވަންތަކުންވެސް ވައިރަސް އެތެރެވެއެވެ. މިއީ ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއްކަމަށް ސިފަކޮށްފައި ނުވި ނަމަވެސް ގާތުން ކޮންޓެކްޓްވެގެން ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ބަލިޖެހިފައި ވާ ޖަނަވާރުގެ ކިބައިންވެސް ބަލި ފެތުރެއެވެ.

މަންކީޕޮކްސްއަކީ އާންމު ގޮތެއްގައި މާ ސީރިއަސް ބައްޔަކަށް ނުވި ނަމަވެސް، ހާލު ގޯސްވެ، މަރުގެ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.

މީހަކު ކެއްސާ މަންޒަރު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ހާވަޑް ޔުނިވާސިޓީ

މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައި ވަނީ ބަންދުކޮށްގެން ގެންގުޅުނު ރާމާމަކުނެއްގެ ހަށިގަނޑުންނެވެ. 1970ގެ ފަހުން، އެފްރިކާގެ ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މަންކީޕޮކްސްގެ ބަލިމަޑުކަން ފެތުރެއެވެ.

މަންކީޕޮކްސްއަށް ވަކި ފަރުވާއެއް ނޯވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރަނީ އިންފެކްޝަން ހުއްޓުވައިގެންނެވެ. ސްމޯލްޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިނަކީ، މަންކީޕޮކްސްއާ ދެކޮޅަށް 85 ޕަސެންޓް ކާމިޔާބު ވެކްސިނެއްކަމަށް ވާ އިރު، ބައެއް ހާލަތްތަކުގައި އެ ވެކްސިން ބޭނުން ކުރެއެވެ.