މިދިޔަ މާޗްމަހުގެ ޗައިނާގެ ގްއާންގްޒޯ ގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނު ޗައިނާ އީސްޓާން ފްލައިޓް ގަސްދުގައި ވައްޓާލީ ކަމަށް އާ ހޯދުންތަކުން ދައްކައިފިއެވެ.
132 މީހުންނާއެކު ދަތުރު ކުރި އެ ބޯޓު ޗައިނާގެ ކުންމިން އިން ގްއާންގްޒޯ އަށް ދަތުރު ކޮށް ހުރި ސީދަލަށް ބޯކޮޅު ވަތަށް ތިރިވާތަން ފެންނަ ބައެއް ފޮޓޯތައް އާންމުވެފައި ވާއިރު، ބޯޓުގެ ކަޅުފޮށިން އެއްކުރި މައުލޫމާތާ ހަވާލާ ދީ އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ، އެ ބޯޓު ގަސްދުގައި ވައްޓާލީ ކަމަށެވެ. އަދި އެކަން ކުރީ ބޯޓުގެ ކޮކްޕިޓުގައި ހުރި މީހަކު ނުވަތަ އިން މީހަކު ބުނި ގޮތަށް ކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ ވޯލްސްޓްރީޓުގައި ބުނެއެވެ.
ބޯއީން 737-800 މަރުކާގެ އެ ބޯޓު ވެއްޓުމުގެ ހާދިސާގެ ތަހުގީގުން މިހާތަނަށް އެހާދިސާ ހިނގީ މެކޭނިކަލް ފޯލްޓް އަކުން ކަން ދެނެގަނެވިފައެއް ނުވެއެވެ.
ގަސްދުގައި ބޯޓު ވައްޓާލަން ޖެހޭ ސަބަބަކާ މެދު ސުވާލު އުފެދިފައިވާއިރު ޗައިނާ އީސްޓާން އިން ބުނެފައި ވަނީ، އެ ބޯޓުގައި އެ ވަގުތު ތިބި 3 ޕައިލެޓުންނަކީވެސް ފުރިހަމަ ސިއްހަތުގައި ތިބި 3 ޕައިލެޓުން ކަމަށެވެ. އަދި އެއިން ޕައިލެޓެއްގެ މާލީ ޒިންމާއެއް ނުވަތަ އެނޫންވެސް ކަމެއް ފާހަގަ ވެފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ބޯޓު ވެއްޓުމާއެކު އެއްކޮށް ކުދިކުދިވެ، އަލިފާނުގެ ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. އަދި އެބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތެއް ނުވެއެވެ.