ނިމިދިޔަ އެމްޑީޕީގެ އެތެރޭ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާނު ކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަނާއި، އަންހެނުންގެ ރޫހުގެ ރައީސާއި، ޔޫތު ވިންގުގެ ރައީސް ހޮވާފައިވާއިރު، އެންމެ ފޯރި ގަދަވެގެން ދިޔައީ ޗެއާޕާސަންގެ އިންތިހާބެވެ.
ނަތީޖާތައް ދައްކާ ގޮތުން ބޮޑު ތަފާތަކުން ޗެއާޕާސަން ކަމުގެ މަގާމަށް އިންތިހާބުވެ ވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ފައްޔާޒާ ވާދަ ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.
އޭގެ އިތުރުން، ސަފާތު އަހްމަދު ޒާހިރާ ވާދަ ކުރައްވައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް އިންތިހާބުވެ ވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެންބަރުު ރޮޒައިނާ އާދަމެވެ. އަދި މުހައްމަދު އަންސަރާ ވާދަ ކުރައްވައި ޔޫތު ވިންގުގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތީ ރިފްގާ ޝިހާމެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ:
-
ޗެއާޕާސަން:
- ފައްޔާޒް އިސްމާއީލް: 27،470 ވޯޓް (57.8 ޕަސެންޓު)
- އިމްތިޔާޒް ފަހުމީ: 20،051 ވޯޓް (42.2 ޕަސެންޓު)
- ޖުމްލަ (ބާތިލް ވޯޓު ނުލާ): 47،521
- ބާތިލް: 981
-
އަންހެނުންގެ ރޫހުގެ ރައީސް:
- ރޮޒައިނާ އާދަމް: 11،708 ވޯޓް (59.5 ޕަސެންޓު)
- ސަފާތު އަހްމަދު ޒާހިރު: 7،961 ވޯޓް (40.5 ޕަސެންޓު)
- ޖުމްލަ (ބާތިލް ވޯޓު ނުލާ): 19،669
- ބާތިލް: 1،187
-
ޔޫތު ވިންގުގެ ރައީސް
- ރިފްގާ ޝިހާމް: 6،322 ވޯޓް (53.1 ޕަސެންޓު)
- މުހައްމަދު އަންސަރު: 5،586 ވޯޓް (46.9 ޕަސެންޓު)
- ޖުމްލަ (ބާތިލް ވޯޓު ނުލާ): 11،908
- ބާތިލް: 1،259
އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް މަނިކު "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ރަސްމީ ނަތީޖާ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭ އިއުލާނު ކުރައްވާނެ ކަމަށެވެ.
މިފަހަރު ބޭއްވި އިންތިހާބުގައި 48،000 އަށް ވުރެ ގިނަ މީހުން ވޯޓު ލާފައި ވާއިރު، އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނާނެ ފަދަ ޝަކުވާ އެއް އައިސްފައި ނުވާ ކަމަށާއި، އިންތިހާބު ދިޔައީ އޮމާންކޮށް ކަމަށް، އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނި ގޮތުގައި، ވަގުތީ ނަތީޖާ އިއުލާނު ކުރާތާ ހަތް ދުވަހުގެ ތެރޭ އިންތިހާބީ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މަގާމާ ހަވާލުވާނެ ކަމަށެވެ.