އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ލާ ނިމޭ ގަޑި އިރުއޮއްސި 6 އަށް އިތުރު ކޮށްފިއެވެ.

އެމްޑީޕީ އިން ބުނީ، މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު 2022 ގެ ވޯޓުލާން ހަމަޖެހިފައިވާ ގަޑިއަށް ވަނީ އިތުރުކޮށްފައި ކަމަށެވެ. މިއަދު ވިއްސާރަވުމާ އެކު ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުނުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާ ހަމައަށް ވޯޓުލާ ވަގުތު އިތުރު ކުރެވިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކުރިއަށް ދަނީ އެމްޑީޕީގެ ޗެއާޕާސަން އާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިހާބެވެ. ފޯރިގަދަ ކެމްޕެއިނަކަށް ފަހު މިއަދު ހެނދުނު 9 އިން ފެށިގެން ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވީ ނަމަވެސް ވިއްސާރައިގެެ ސަބަބުން ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފށިފައި ވަނީ ހަމަޖައްސާފައިވާ ގަޑިއަށް ވުރެ ލަހުންނެވެ.

މާލެއާއި އަތޮޅުތަކުގައި ޖުމްލަ 282 ވޯޓު ފޮށި ވަނީ ބަހައްޓާފައި ވާ އިރު، އޭގެ ތެރެއިން 87 ފޮށި ހުރީ މާލޭގައެވެ. މާލޭގެ ވޯޓު ފޮށިތައް ސްކޫލުތަކުގައި ހުރި އިރު، ހުޅުމާލޭގައި ވޯޓު ފޮށީ ހުރީ ގާޒީ ސްކޫލުގައެވެ. އަދި ވިލިމާލޭގައި ވޯޓު ލާ މަރުކަޒަކީ ޔޫތު ސެންޓަރެވެ.

މި އިންތިހާބުގައި ޗެއާޕާސަން ހޮވަން 94،211 މެންބަރުންނަށް ވޯޓު ލެވޭ އިރު، އަންހެނުންގެ ރޫހުގެ ރައީސް ހޮވަން 41،027 މެންބަރުންނަށް ވޯޓު ލެވޭނެއެވެ. އަދި ޔޫތު ވިންގުގެ ރައީސް ހޮވަން 32،057 މެންބަރުންނަށް ވޯޓު ލެވޭނެއެވެ.