މިދިޔަ ފިތުރު އީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ އަހުމަދު ނާޒިހު (27އ) ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ އެ މާރާމާރީއާ ގުޅިގެން 5 މީހަކު ހޯދަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މައުސޫމް މުހައްމަދު ދީދީ (27އ)، ދަފްތަރު ނަންބަރު ރސ2260، ކ.މާލެ
  • އަހުމަދު ޝިމްހާޒު (22އ) ސީނުގެ، ތ. ތިމަރަފުށި
  • ލޫތު އަހުމަދު އާސިފް (18އ) މ. ލޮނުމިދިލިގެ، ކ. މާލެ
  • އަހުމަދު ރަބީއު (24އ) ލޭނޫރަންމާގެ، ގއ. މާމެންދޫ
  • އަހުމަދު ނާޒިހު (27އ) ކެނެރީގެ، ގއ. ގެމަނަފުށި
  • މުނާދު ޖައުފަރު (20އ) ނާދީ، ސ. ހުޅުދޫ
  • އަހުމަދު ސާތިއު (21އ) ކޮރަލް، ސ. މަރަދޫ

ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ ނާޒިހު މި މަހުގެ 10 ވަނަ ދުވަހު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައިގާ މިހާތަނަށް 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.