މާޗު މަހާ އަޅާ ބަލާއިރު އޭޕްރީލް މަހު ޑެންގީ ޖެހުނު އަދަދު ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތަށް ބަލާއިރު އޭޕްރީލް މަހު 92 މީހަކަށް އަދި މާޗު މަހު 26 މީހަކަށް މި ރޯގާ ޖެހިފައެވެ.

އެޗްޕީއޭއިން މީގެ ކުރިން ވަނީ މިދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވެމުންދާ އަދަދު އިތުރުވާ ކަމަށް ފާހަގަކުރޭ ކަމަށް ބުނެފައެވެ. އަދި ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން އިތުރު ސަމާލުކަން ދިނުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު އެއްވަރެއްގައި ހުރި ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެފައިވީ ނަމަވެސް އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުމާއި ހޮޑުލުމަށް ބަލާއިރު މާޗު މަހާ އަޅާ ބަލާފަ އޭޕްރީލް މަހު ރިޕޯޓުކޮށްފައިވާ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހު އަރިދަފުސް ރޯގާ ޖެހިގެން 12978 މީހުން ދެއްކި އިރު، މާޗު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ދައްކާފައި ވަނީ 14399 މީހުންނެވެ.

މީގެ އިތުރުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހު 1575 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ 2063 ކޭސްއެވެ.

އެޗްޕީއޭ އިން ވަނީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.