މީގެ އަހަރެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަން އަމާޒްކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި އަހްމަދު ފާތިހު އޭރު ހުރީ ފުލުހުންގެ ވަޒީފާގައި ނޫން ކަމަށް، ފުލުހުން އަނެއްކާވެސް ބުނެފިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން ހައްޔަރުކުރި ލ. ގަން ތުނޑި / ދުންފިނިއުފާ، ފާތިހު ހައްޔަރު ކުރި ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ވަރުގެ ހެކި ނެތުމުން ވަނީ ދޫކޮށްލައިފައެވެ.

ނަޝީދުގެ ނުރަސްމީ އެކައުންޓުން އިއްޔެ ކުރި ޓްވީޓަކާ ގުޅިގެން ރޭ ނެރުނު ނޫސްބަޔާނުގައި ފުލުހުން ބުނީ:

  • ނޮވެމްބަރު 2018 ގައި ފާތިހު ފުލުހުންގެ ވަޒީފާ އާއި ގުޅުމަށް ފަހު، މިދިޔަ އަހަރުގެ ފެބްރުއަރީގައި އޭނާ ވަނީ އަމިއްލައަށް އެދިގެން ވަކިވެފައި ކަމަށް
  • ނަޝީދަށް ހަމަލަދިން އިރު އަދި ހައްޔަރުކުރި އިރު ވެސް، ފާތިހު ހުރީ ވަޒީފާގައި ނޫން ކަމަށް
  • މި މައުލޫމާތު ކުރިންވެސް މީޑިއާތަކަށް ފޯރުކޮށްދީފައިވާ ކަމަށް

އެ ބަޔާނުގައި ފުލުހުން އިތުރަށް ބުނީ، އެ މައްސަލައާ ގުޅިގެން ފާތިހު ހައްޔަރު ކުރުމަށް ފަހު ތަހްގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާއިރު، ފާތިހުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި މައުލޫމާތު ހޯދާއިރު ސައްހަ މައުލޫމާތު ހޯދުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ

މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.

އެ މައްސަލާގައި 10 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، އަމަލީ ގޮތުން ބައިވެރިވި ކަމުގެ ކުށް ސާބިތުވެފައިވާ އަދުހަމް މުހައްމަދު ދަނީ 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.