ބީއެމްއެލް "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލުން ބުނީ، ކާށިދޫގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި ތަރައްގީ ކުރެވުނު އެ ބާބަކިއު ސަރަހައްދުގައި ގްރިލެއްގެ އިތުރުން، ގޮނޑި، މޭޒު، ބެންޗު ފަދަ ތަކެތި ބަހައްޓާފައިވާ ކަމަށެވެ.

އެ ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި އެ ރަށުގެ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް ފިނި މައިޒާނެއްވެސް ތަރައްގީކޮށްފައިވެއެވެ.

ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުމަށް ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކުރި މުހައްމަދު ވިސާހު ވަނީ އެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމަށް އެހީތެރިވެދިން ކަމަށްޓަކައި ކާށިދޫ ކްލަބް ފްލަޔާސް އާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

"އަޅުގަނޑުގެ އުންމީދަކީ މިރަށުގެ ރައްޔިތުންނާއި މިރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މި ތަނަކީ ބޭނުންތެރި ތަނަކަށް ވެގެންދިއުން." އޭނާ ބުންޏެވެ.

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޮތުން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ބުނި ގޮތުގައި މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައި ވެއެވެ.