ޔުސިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ސްކޫލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރި އިރު ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ ބޮޑުކޮށްފައި ނުވާތީ ލެކްޗަރާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީން ބުނީ ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މަސައްކަތް ކުރިއަށްދާތީ ސީދާ ތާރީހެއް ނެތް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރި ނަމަވެސް އެމްއެންޔޫ އަދި އައިޔޫއެމްގެ ޓީޗަރުންގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާތީ އެމްއެންޔޫ އަދި އައިޔޫއެމް ޓީޗަރުން ހަމަހިމޭން އިހުތިޖާޖެއް މިއަދު ދަނީ ކުރަމުންނެވެ. މި އިހުތިޖާޖުގެ ހުރިހާ ބައިވެރިން ވެސް ތިބީ ކަޅު ކުލައިގެ ހެދުން ލައިގެންނެވެ.

މިގޮތުން ބައިވެރިން އަންނަނީ އެމީހުންގެ މުސާރަ ވެސް ބޮޑުކޮށްދިނުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން ޔުނިވާސިޓީ މުވައްޒަފުން ބާކީ ނުކޮށްލުމަށް ވެސް ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.

ސްކޫލް ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައި ވާއިރު ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް މޭ 1 އިން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިމަހު 1 ވަނަ ދުވަހުުއެވެ.