ތ. ދިޔަމިގިިލީ މިސްކިތުގެ މުދިމުގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ވަޅި ހެރި މީހާގެ މައްޗަށް ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާ ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ދިޔަމިގިލީ މޯނިންސްޓާ، ހަސަން ސާމިދު، މީހަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާ ކޮށް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ މައްސަލަ ދިޔަމިގިލީ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން ސާމިދު ހުރީ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިދިޔަ މާޗްމަހުގެ 13 ވަނަ ދުވަހު އެ ރަށުގެ އުމުރުން 55 އަހަރުގެ މުދިމެއް ގަޔަށް މުދިމަށް ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އެވީޑިއޯއިން ފެންގޮތުގައި މުދިމު އިނީ ބައިސްކަލެއްގެ މަތީގައި ހަމަލާދިން މީހާއާ ވާހަކަ ދައްކާށެވެ. އެ ގޮތަށް ތިބެފައި ދެން ފެނުނީ، ކުއްލިއަކަށް މުދިމު ގަޔަށް ވަޅި ހަރާތަނެވެ. މުދިމުގެ ކަނދުރާމަތިން ބުރަކަށްޓަށްޖުމްލަ 13 ވަރަކަށް ފަހަރު އެމީހާ ވަޅި ޖަހައެވެ. އެއަށްފަހު އޭނާ މުދިމު ދޫކޮށް ދަމުން ކައިރީގައި ވެލި އަޅާފައި ހުރި ބޮޑު ގޯންޏަކަށް ވަޅި ހަރާ، ދަމައިގަތުމަށް ފަހު، ވަޅީގެ ތިލަ ގޯނީގައި ހުރި ވެލިތަކުގައި ދަމާލައެވެ.
ހަމަލާ ދިން މީހާ އާއި ޒަހަމްވި މީހާ އަކީ ވެސް ދުވަސްވީ ދެ އެކުވެރިން ކަމަށާއި އެކަކު އަނެކަކުގެ ގެއަށް ޒިޔާރާތްކޮށް ދެ މީހުން އެކުގައި ކޮފީތަކަށް ވެސް ގޮސް އުޅުނު ކަމަށް އާއިލާއިން ބުންޏެވެ. އެކަމަކު ވަޅި ހެރީ ކީއްވެކަން ނޭނގޭ ކަމަށާއި ދެ މީހުންގެ މެދުގައި މައްސަލައެއް އޮތްކަން ވެސް އެނގިފައި ނެތް ކަމަށް އާއިލާއިން ކުރިން ބުންޏެވެ.