ހދ. ކުޅުދުއްފުށީގައި ހުންނަ އެ ރީޖަންގެ އެންމެ ބޮޑު ހޮސްޕިޓަލްގެ ކްލިނިކަލް ހެޑާއި ޑެޕިއުޓީ އެ މަގާމުތަކުން އިސްތިއުފާ ދެއްވަފިއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން، އެ ދެބޭފުޅުން އެކުގައި އިސްތިއުފާ ދެއްވީ، ހޮސްޕިޓަލްގެ ހިންގުން ބޯޑެއްގެ ދަށަށް ބަދަލު ކުރިތާ އަހަރެއް ވީ އިރުވެސް ހޮސްޕިޓަލަށް މެޑިކަލް ޑިރެކްޓަރަކު އައްޔަން ކޮށްފައި ނުވާތީއެވެ.

ޖެނުއަރީ 20، 2021 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަށައެޅުއްވި އެ ހޮސްޕިޓަލްގެ ބޯޓުގައި 6 މެންބަރުން ތިއްބަވައެވެ.

ކްލިނިކަލް ހެޑް ޑރ. މުހައްމަދު ފައިސަލް އާއި ޑެޕިއުޓީ ހެޑް ޑރ. މުހައްމަދު ނަޒީފު އިސްތިއުފާ ދެއްވި ސަބަބު ހާމަ ކުރައްވަމުން ދެ ބޭފުޅުން ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، 65،000 އެއްހާ މީހުންގެ އާބާދީއަކަށް ހިދުމަތް ދޭން ހުރި ހޮސްޕިޓަލަކަށް ވާއިރު، އެ ހޮސްޕިޓަލުގައި މެޑިކަލް ޑިރެކްޓަރެއް ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ކަންބޮޑުވުން، ހޮސްޕިޓަލްގެ ބޯޑު އުފެދުނީއްސުރެ މެނޭޖްމަންޓާ ހިއްސާ ކުރައްވާ ކަމަށާއި، މިއަދާ ހަމައަށްވެސް "މަގާމު އުފެއްދުމުގައި" ތިބީ ކަމަށެވެ.

މި ކަމާ ގުޅިގެން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ، ހޮސްޕިޓަލްގެ އާ ބޯޑު އުފެދި، އޮނިގަނޑަށް ކަންކަން ފެއްތުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި، މެޑިކަލް ޑިރެކްޓަރުގެ މަގާމަށް މީހަކު ހަމަޖައްސަން މިހާރުވެސް އެދިފައި ވާ ކަމަށެވެ.

"މިހާރު ހަމަޖައްސަން އެދިފައި ވީ، މެޑިކަލް ޑިރެކްޓަރާއި ޕޯސްޓުތައް، ފައިނޭންސް އެޕްރޫވަލްއަށް މަސައްކަތް ކުރަމުން މިދަނީ، އެކަން ހަމަޖައްސަން ބޯޑާއި މެނޭޖްމަންޓުން މަސައްކަތްތަކެއް ކުރަމުން އެބަދޭ"
އަހުަމަދު ދާއޫދު

އަދި އެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކުރާން އޮތީވެސް، ހޮސްޕިޓަލްގެ މުވައްޒަފުންގެ ތެރެއިން އެމަގާމަށް ޝައުގުވެރި ގާބިލު މީހުންނަށްވެސް ކުރިމަތި ލެވޭ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަގާމުގެ ޒިންމާތަކުން އިސްތިއުފާ ދެއްވި ދެ ބޭފުޅުންނަކީ މިހާރުވެސް އެ ހޮސްޕިޓަލުގެ ދެ ޑޮކްޓަރުންނެވެ. އެ ބޭފުޅުން މިހާތަނަށް ހަވާލުވެ ހުންނެވި 2 މަގާމަކީ، އެ ހޮސްޕިޓަލުގެ އެހެން ޑިޕާޓުމަންޓްތަކާ އެއް ގޮތަށް އެޗްއޯޑީންނަށް ވަކި އެލަވަންސެއް ލިބޭ މަގާމުތަކެއް ނޫނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، ހއ، ހދ، ށ އަތޮޅުގެ އިތުރުން ނ ހިސާބުންވެސް މީހުން ޑޮކްޓަރަށް ދައްކަން ދާ ސަރަހައްދީ އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ ކްލިނިކަލް ހެޑާއި ޑެޕިއުޓީ ހެޑް އިސްތިއުފާ ދެއްވި ނަމަވެސް ހޮސްޕިޓަލްގެ ކްލިނިކަލް ސައިޑްގެ މަސައްކަތްތައް ބަރާބަރަށް ހިނގަމުން ދާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.