ރަޝިއާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރައިންއަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން އިއުލާން ކޮށްފައި ވާ މި ދަނޑިވަޅުގައި، 3 ވަނަ ބޮޑު ހަނގުރާމައެއްގެ ނުރައްކަލަކީ، "ހަގީގަތުގައިވެސް" އޮތް ނުރައްކަލެއް ކަމަށް، ޔޫކްރައިންގައި އިސްވެ ހަނގުރާމައެއް ފަށައިގެން ކުރިއަށް ގެންދާ ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއީ ލަވްރޯފް ވިދާޅުވެއްޖެއެވެ.

ސުލްހައިގެ މަޝްވަރާތަކުގައި ރަޝިއާއިންވެސް ޝާމިލުވަމުން އަންނަ ކަން ފާހަގަ ކުރައްވަމުން ލަވްރޯފްވަނީ، ރަޝިއާއިން އުޅެނީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ކަމަށް ހެދިގެން ކަމަށް ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވި ވިދާޅުވުމަށް ފާޑުވިދާޅުވެފައެވެ.

3 ވަނަ ބޮޑު ހަނގުރާމައެއްގެ ނުރައްކަލަކީ، "ހަގީގަތުގައިވެސް" އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ ވާހަކަ ކުރިއަށް ގެންދަވަމުން ލަވްރޯފް އިތުރަށް ވިދާޅުވީ، އެއީ އެކަމުގައި ބިރު އެކުލެވޭ ނުރައްކަލެއް ކަމަށާ، އެއީ މާ ކުޑަ ކަމެއް ކަމަށް ހިތާ ދޫކޮށްލައިގެން ތިބވެން އޮތް ކަމެއް ނޫން ކަމަށެވެ.

ލަވްރޯފް އިތުރަށް ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭ ހިސާބުން، ހުރިހާ ކަމެއްވެސް ނިމުމަކަށް އަންނާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށީ ފެބުރުއަރީ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޔޫކްރައިންގެ އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. މީގެ އިތުރުން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ އަސަރު، އެކި ގޮތް ގޮތުން މުޅި ދުނިޔެއަށްވެސް ދަނީ ފޯރަމުންނެވެ. އަދި ހަނގުރާމަ ގަދަވެ، ނިއުކްލިއާ ހަނގުރާމައެއް ފެށި ދާނެ ކަމުގެ ބިރުވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.