ދުނިޔޭގެ އެކި ކަންކޮޅުތަކުން 11 ގައުމަކުން، އެކިއުޓް ހެޕަޓައިޓިސްގެ 169 ކޭސް ފެނިފައި ވާ ކަމަށާއި، އެ ކޭސްތައް ފެނިފައިވަނީ އުމުރުން އެންމެ 1 މަހާއި 16 އަހަރާ ދެމެދު ކުދިންގެ ތެރެއިން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

މިހާތަނަށް ފެނުނު އެކިއުޓް ހެޕަޓައިޓިސް ކޭސްތަކަށް ބަލާއިރު 1 ކުއްޖަކު މަރުވެފައި ވާ ކަމަށާ، އިތުރު 17 ކުއްޖެއްގެ ލިވާ (ފުރަމޭ) ޓްރާންސްޕްލާންޓް ހަދާފައި ވާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދެއެވެ.

ޑަބްލިއުއެޗްއޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ހެޕަޓައިޓީސް ކޭސްތައް އިތުރު ވަނީ ކަމެއް ނުވަތަ ބައްޔާ މެދު މީހުން ހޭލުންތެރި ވާ މިންވަރު އިތުރު ވަނީ ކަމެއް އަދި ސާފު ނުވާ ކަމަށެވެ. އާންމު ވައިރަހެއް ފެތުރުމަކީ އޮތް ފުރުސަތެއް ކަމަށާ، ހާލަތު މެދުވެރި ކުރުވި އަސްލު އޭޖެންޓް ދެނެގަތުމުގެ ތަހުގހީގުތައް ކުރިއަށް ދާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

މިހާތަނަށް ފާހަގަ ކުރެވުނު ކޭސްތަކަށް ބަލާއިރު އާންމު އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުން، ބޭރަށް ހިނގުން އަދި ހޮޑުލުން ފަދަ އަލާމާތްތައް ހިމެނެއެވެ. މީގެ އިތުރުން އެންޒައިމް ލެވަލް މަތިވުމާއި ޖޯންޑިސް ނުވަތަ ރީނދޫވުމުގެ ހާލަތުވެސް މެދުވެރިވެފައި އެބަހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ކޭސްތަކަށް ބަލާއިރު ހުން އައުން އާންމު ނޫން ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި ވައިރަލް ހެޕަޓައިޓިސް ކަމަށް ވާ ހެޕަޓައިޓިސް އޭ، ބީ، ސީ، ޑީ އަދި އީގެ އަލާމާތްތައް، ކޭސްތަކުން ފެނިފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހެޕަޓައިޓިސްއަކީ ފުރަމޭ ދުޅަވުމުގެ ބައްޔެވެ. ފުރަމެއަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ޕްރޮސެސް ކުރުމުގެ އިތުރުން، ލޭ ފިލްޓަރުކޮށްދީ، އިންފެކްޝަންތަކާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރާ ގުނަވަނެކެވެ. އާންމުކޮށް ހެޕަޓައިޓިސް ޖެހެނީ ވައިރަހުގެ ސަބަބުންނެވެ. ހެޕަޓައިޓިސް ޖައްސާ މައިގަނޑު ވައްތަރުގެ ވައިރަހުގެ ތެރޭގައި، ހެޕަޓައިޓިސް ވައިރަހުގެ އޭ، ބީ، ސީ، ޑީ، އީ އަދި ޖީ ހިމެނެއެވެ.