ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭގެ 3 ސަރަހައްދެއްގެ ހޮސްޕިޓަލްތަކުގައި 3 މަޝްރޫއެއް ހިންގުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

މިއަދު ސޮއިކުރި 3 އެއްބަސްވުމަކީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ގާއިމް ކުރުމަށާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗާކުރުމަށް ވޯކްޝޮޕެއް ގާއިމް ކުރުމަށާއި އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމް ކުރުމަށް، އިންޑިއާ ސަރުކާރުން ހިލޭ އެހީދިނުމުގެ އެއްބަސްވުންތަކެވެ. މި ޕްރޮޖެކްޓްތަކަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން، ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެންމެ ޒަމާނީ ފެންވަރުގެ ސްޕީޗް ތެރަޕީ ޔުނިޓެއް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ގާއިމް ކުރެވޭނެއެވެ. އެގޮތުން ސައުންޑް ޕްރޫފް ސްޓޭޝަނަކާއެކު އޯޑިއޯމެޓްރީ ސެޓަޕެއް ގާއިމްކޮށް، އެތަނަށް ބޭނުންވާ ކޮމްޕިއުޓާ ސިސްޓަމްތައް ބަހައްޓައި، ޔުނިޓްގެ އުމްރާނީ މަސައްކަތްތައް ކުރެވޭނެއެވެ. މި ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން 9 ލައްކަ ދިވެހި ރުފިޔާގެ ހިލޭ އެހީ، މި އެއްބަސްވުމުގެ ދަށުން ދޭނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗާ ކުރުމަށް ވޯކްޝޮޕެއް ގާއިމް ކުރުމަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން ފޯރުކޮށްދޭން ނިންމާފައި ވަނީ 1.99 މިލިއަން ރުފިޔާގެ ހިލޭ އެހީއެވެ. މި ޕްރޮޖެކްޓްގެ ދަށުން ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަރިން ވޯކްޝޮޕް ގާއިމްކޮށް، އެތަނަށް ބޭނުންވާ މެޝިނަރީޒްއާއި މެޓީރިއަލް ހޯދައި، އެ ވޯކްޝޮޕް ހިންގަން ބޭނުންވާ މުވައްޒަފުން ތަމްރީން ކުރެވޭނެއެވެ.

އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ގާއިމްކުރާ މެންޓަލް ހެލްތު ސެންޓަރ ގާއިމްކުރުމަށް 665،000 ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ފޯރުކޮށްދޭނެއެވެ. ނަފްސާނީ ބަލިތަކުގެ ފަރުވާ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.