އަފްގާނިސްތާނުގެ ހޯސްތާއި ކުނާރު ޕްރޮވިންސްއަށް އަމާޒުކޮށްގެން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވައިގެ މަގުން ދިން ހަމަލާތަކުގައި 47 މީހުން މަރާލާފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ކުރަމުން ދާ އަފްގާނިސްތާނުގެ ހޯސްތު ޕްރޮވިންސްގެ ޑައިރެކްޓާ އޮފް އިންފޮމޭޝަން އެންޑް ކަލްޗާ ޝަބީރު އަހުމަދު އުސްމާނީ ބުނީ ޕާކިސްތާނުގެ ބާރުތަކުން ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ 41 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށާ، އޭގެ ތެރޭގައި ގިނައިން އަންހެނުންނާއި ކުޑަ ކުދިން ކަމަށެވެ. އަދި މި ހަމަލާތަކުގައި އިތުރު 22 މީހަކު ޒަހަމްވި ކަމަށްވެސް އުސްމާނީ ވަނީ ހާމަ ކުރައްވާފައެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަފްގާނިސްތާނާއި ޕާކިސްތާނު ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގެ މަސްރަހު، މިދިޔަ ދުވަސްތަކުގައި ނުތަނަވަސް ވެފައި ވާކަމަށެވެ. ނުތަނަވަސްކަން އިތުރުވެ، ބޯޑަރު ހުރަސްކޮށް، ޕާކިސްތާނުގެ ސަލާމަތީ އޮފިސަރުންނަށް ހަމަލާ އަމާޒު ވެފައި ވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޓެރަރިސްޓް ގުރޫޕުތަކުގެ ހަމަލާ އަމާޒުވި ކަމަށާ، އެ ހަމަލާތަކުގައި ޕާކިސްތާނުގެ ފައުޖުތަކުން ބައެއް މެންބަރުން "ޝަހީދުވެފައި" ވާ ކަމަށްވެސް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައިވެއެވެ.

ޕާކިސްތާނުން ވަނީ، އަފްގާނިސްތާނުގެ ފަސްގަނޑުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހަނގުރާމަވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް، މިއަދު އަފްގާނިސްތާނު ކޮންޓްރޯލް ކުރަމުން ދާ ތޯލިބާނުންނަށް ގޮވާލާފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އަފްގާނިސްތާނަށް ދިން ހަމަލާގައި 6 މީހެއްގެ ފުރާނަ ގެއްލިފައި ވާނެ ކަމަށާ، އޭގެ ތެރޭގައި ހިމެނެނީ 5 ކުޑަކުދިންނާއި އަންހެނެއް ކަމަށް އިއުތިރާފުވެފައެވެ. މި ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް، ތޯލިބާނުން ވަނީ އަފްގާނިސްތާނުގައި ހުންނަވާ ޕާކިސްތާނުގެ އެމްބެސެޑަރުވެސް ހާޒިރު ކުރައްވާފައެވެ.

ޕާކިސްތާނުން ވަނީ އެ ގައުމުން އަފްގާނިސްތާނަށް ދިން ހަމަލާތައް ދިފާއު ކޮށްފައެވެ. އެ ގޮތުން އެ ހަމަލާތަކަކީ ހަތިޔާރު އެޅި ހަނގުރާމަވެރިން ކޮންޓްރޯލް ކުރުމަށް އަފްގާނިސްތާނުގެ ކަމާ ބެހޭ ފަރާތްތައް ފެއިލްވުމުގެ ނަތީޖާ ކަމަށް ބުނެ، ޕާކިސްތާނުން ވަނީ ދިފާއަށް ކުޅެން މަސައްކަތް ކޮށްފައެވެ.

ތޯލިބާނުން ވަނީ އަފްގާނިސްތާނުގެ އިލްޒާމަށް އިންކާރު ކޮށްފައެވެ. މިދިޔަ އޯގަސްޓް މަހު އެ ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން، ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތައް ކޮންޓްރޯލް ކޮށްފައި ވާނެ ކަމަށް ތޯލިބާނުން ވަކާލާތު ކުރެއެވެ.

ޕާކިސްތާނުގެ އަމަލަކީ "ނުލަފާ" އަމަލެއް ކަމަށާ، އެކަމުގެ ސަބަބުން ދޭދޭ ހަތުރުވެރިކަމުގެ ފާލަމެއް އެޅެމުން ދާ ކަމަށް ތޯލިބާނުންގެ ތަރުޖަމާނު، ޒަބީއުއްލޯ މުޖާހިދު ވަނީ ބުނެފައެވެ.

ކަން މިހެން އޮތް އިރު ޕާކިސްތާނުގެ ސަރުކާރުން ދަނީ 2700 ކިލޯމީޓަރަށް ދެމިގެންދާ ގޮތަށް ބޮޑަރު ސަރަހައްދުގައި ފެންސް ޖެހުމުގެ މަސައްކަތް ކުރަމުން ކަމަށް ހަބަރު ލިބެއެވެ.