2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)، އާލަމީ ބަލިމަޑުކަމަކުން އެންޑެމިކް ދަރަޖަ ނުވަތަ ވަކި ސަރަހައްދަކަށް ހާއްސަ ބަލިމަޑުކަމެއްގެ ދަރަޖައަށް ދަށް ކުރުން އަދި އޮތީ މާ ދުރުގައި ކަމަށާ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަދިވެސް މި ބަލީގެ ރާޅު ބިންދާލުން އެކަށީގެން ވާ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

ކުއްލި ނުރައްކާތަކާ ބެހޭ ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލު ޑރ މައިކް ރާޔަން ވިދާޅުވީ، ކޮވިޑް މަޑުޖެހި، އެންޑެމިކް ދަރަޖައަށް ތިރިވެދާނެ ކަމަށް ހީކުރުމަކީ ގޯސް ވިސްނުމެއް ކަމަށެވެ. ކޮވިޑް ޖައްސާ ވައިރަހުގެ ހާލަތަށް ބަލާއިރު އެންޑެމިކް ދަރަޖައަށް ނުރައްކާ ކުޑަ ވެއްޖެ ކަމަށް ކަނޑައެޅިގެން ގަބޫލު ނުކުރައްވާ ކަމަށްވެސް ޑރ ރާޔަން ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އަދި އެންޑެމިކް ބަލިމަޑުކަމެއް ނޫން ކަމަށް، ޑރ ރާޔަން ވަނީ، ޑަބްލިއުއެޗްއޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ވިދާޅުވެފައެވެ.

ޑރ ރާޔަން އިތުރަށް ވިދާޅުވީ، މޫސުމީ ނުވަތަ ވަކި އުސޫލަކުން އެއްކެއްގެ ގައިން އަނެކާގެ ގަޔަށް ފެތުރޭ ބަލިމަޑުކަމަކށް ކޮވިޑް-19 އަދި ވެފައި ނުވާ ކަމަށާ، އިންތިހާ ވަރުގަދައަށް ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.

ކޮވިޑް-19 އަކީ އާލަމީ ބަލިމަޑުކަމެއް ކަމުގައި 2020 ވަނަ އަހަރުގެ ކުރީކޮޅު ކަނޑައެޅި ފަހުން ހުސްވި ހަފުތާއަކީ މި ބަލީގައި އެންމެ މަދު އަދަދަކަށް މަރުގެ ކޭސްތައް ރެކޯޑް ކުރި ހަފުތާއެވެ. މިދިޔަ ހަފުތާ ތެރޭގައި 20000 މަރުގެ ކޭސް ރެކޯޑް ކޮށްފައި ވާއިރު، އެއީ އަދިވެސް ގިނަ އަދަދެއް ކަމަށް ޑރ ރާޔަން ވިދާޅުވިއެވެ. އަދަދު މަދުވެގެން އުފަލެއް ލިބުނު ކަމުގައި ވީ ނަމަވެސް، މިއީ ފަރުޖައްސާލައިގެން ތިބެވެން އޮތް އަދަދެއް ނޫން ކަންވެސް ޑރ ރާޔަން ވަނީ ފާހަގަ ކުރައްވާފައެވެ.

އާލަމީ ބަލިމަޑުކަމުގެ ދަރަޖައިން އެންޑެމިކް ދަރަޖައަށް ބައްޔެއްގެ ނުރައްކާ ކުޑަވި ކަމަށް ވާނީ، ކުޑަކުދިންގެ މެދުގައި އޮންނަ ބަލިމަޑުކަމަކަށް އެކަން ބަދަލު ވުމުން ކަމަށާ، މިސާލަކަށް އަލަށް އުފަން ވާ ކުދިން ހިމަބިހީގެ ނުރައްކަލަށް ހުށަހެޅިފައި އޮތުން ފަދަ ކަމަކަށް ވުމުން ކަމަށްވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ވެކްސިން ޖަހާ މިންވަރު ދަށްވެއްޖެ ނަމަ، ހިމަބިހަ ފަދައިން، ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ނުރައްކާ އޮންނާނެ ކަންވެސް ޑރ ރާޔަން ވަނީ ފާހަގަ ކުރައްވާފައެވެ.