މިދިޔަ ހަފްތާގައި 655 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 3 އިން 9 ވަނަ ދުވަހާ ހަމައަށް ޖުމްލަ 655 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އޭގެތެރެއިންގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 91 މީހުންކާއި އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވް ވި 482 މީހެކެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއިން މި ބަލީގައި މީހަކު ނިޔާވެފައި ނުވެއެވެ.

މި މުއްދަތުގެ ތެރެއިން ޖުމްލަ ގޮތެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި އޭޕްރީލް މަހުގެ 6 ވަނަ ދުވަހު، މާލެއިން 13 މީހަކު އަދި އަތޮޅުތެރެއިން 102 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މާލެ ސަރަހައްދަށް ބަލާއިރު އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 4 ވަނަ ދުވަހެވެ. އެއީ 20 މީހުންނެވެ.

މި އަދަދުތަކާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 178،313 އަށް އަރާފައެވެ.