ހެނދުނު ހަތެއްޖެހުމާ ގާތްވިއިރު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓްގައި އެތައް ހާސް ބަޔަކު ހޭލަމޭލަވަމުން ދިޔައެވެ. މިއަދު އެހާ ބައިބޯވެފައިވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޙަރަމްފުޅަށް ދާމީހުންގެ ޢާއިލާއާ ގާތް ރަޙްމަތްތެރިން އެތަނުގައި ހަރަކާތްތެރި ވާތީއެވެ. އޭގެތެރޭގައި ފުރޮޅުލީ ގޮނޑިއެއްގައި އިން އަލްޙާފިޒު ހަސަން ޙަނީފުގެ ޢާއިލާއާ ޙަނީފު ހިންގާ ޤުރުއާން ކުލާހުގެ ދަރިވަރުންނާއި ބެލެނިވެރިންވެސް ހިމެނެއެވެ. ޙަނީފް ނުތަނަވަސްވަމުން ދިޔައީ އޭނާގެ އެކުވެރި ހިޝާމްއާ ބައްދަލު ނުވެ އެހާދުރު ދަތުރެއް ފަށަންޖެހިދާނެތީއެވެ. ހިޝާމްއަކީ މަންމައާއި ބައްޕަ ފިޔަވައި ކޮންމެ ކަމެއްގައިވެސް އޭނާއާ އެންމެގާތުގައިވާ ފަރާތެވެ. ދިމާވި ކޮންމެ ގޮންޖެހުމަކުން އަރައިގަތުމުގައި ހިތްވަރާއި ސާބަސް ދިނުމުގައި ދެގޮތެއްނުވެ ސާބިތުވެ ހުރި މިތުރެކެވެ. ހުރިހާ ކާމިޔާބީއެއްގެ މަދަދުވެރި އެއްފަރާތެވެ.

"ދަރިފުޅާ އެހާ ކަންބޮޑު ނުވެބަލަ މިހާރު ހިޝާމް އަންނާނޭ" ހުސޭނަށް ދަރިފުޅުގެ ނުތަނަވަސްކަން ފެނި ބުނެލިއެވެ.

" އެހެރަ އަންނަނީ" ހާލިދާއަށް މީހުންގަނޑު ތެރޭން ނިކުމެގެން އެމީހުންނާ ދިމާލަށް އަންނަ ހިޝާމް ފެނުނެވެ.

ހިޝާމް އައިސް ބައްދާލުމާއެކު ހަނީފުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ހިޝާމް ނޭވާ ހަމައަކަށް އަޅުވާލާ ވާހަކަ ދައްކަން އުޅުނު ވަގުތު އޭނާގެ ފަހަތުން ނުކުތް ހިޝްމާ ވާހަކަ ދެއްކިއެވެ.

" އުސްތާޒު! ވަރަށް ބޮޑަށް މަޢާފު ކުރައްވާ! ދޮންބެއަށް ލަސްވީ އަޅުގަނޑު ބުނެގެން އަޅުގަނޑު ބަލާ ދިޔައިމަ" ލަދުން އިސްދަށަށް ޖަހައިގެން ހުރެ ހިޝްމާ ވާހަކަ ދެއްކިއެވެ. ހިޝްމާއަށް ހަނީފް ފެނުމުން އަތްފައި ފިނިވެ، ކަރަންޓް ޝޮކެއް ޖެހޭހެން ހީވެއެވެ. ސަބަބަކީ ހިޝްމާގެ ހިތުގައި ހަނީފާމެދު އެހެންކަހަލަ އިޙްސާސް ތަކެއް އުފަންވެފައި ވާތީއެވެ. ހަނީފްގެ ހިތުގައިވެސް މިފަދަ އިހްސާސްތަކެއް އުފަންވެ އާލާވަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އަމިއްލަ ނުކުޅެދުންތެރިކަމާއި، މުޖުތަމަޢު ދެކޭ ނަޒަރިއްޔާތުގެ ސަބަބުން އެފަދަ ކަމަކާ ކުރިމަތިލާން ޖެހިލުންވެއެވެ.

ބޯޓް ނައްޓާލާ ގަޑި ޖެހުމުން ހުރިހާ ޙައްޖުވެރިން ބޯޓަށް އަރަން ދިޔައެވެ. ޚާލިދާއާއި ހިޝާމްވެސް ހަނީފްއާ އެންމެ ފަހުގެ ސަލާމްކޮށް ހެޔޮދުޢާކުރިއެވެ. ޚާލިދާގެ ފެންކަޅިވެފައިވާ ދެލޯ ފެނި ހިޝާމްއާއި ހިޝްމާ ދެރަ ނުވުމަށް ބުނެ ވަރަށް ހިތްވަރުދިނެވެ. ޚާލިދާގެ ހިތުގައި މަސްހުނި އިހްސާސްތަކެއް އުފަންވިއެވެ. ދަރިފުޅުގެ ހުވަފެން ހަޤީޤަތަކަށް ވާތީ އުފާވި ނަމަވެސް، ޒަމާން ތަކަކަށްފަހު، ފުރަތަމަ ފަހަރަށް މަންމައާ ވަކިން އެހާދުރަށް އެދަރިފުޅު ދާތީ ހިތްދަތިވިއެވެ. ފުލައިޓް ނައްޓާލުމުން ހިޝާމް ސައިކަލުގައި އޮފީހާއި ދިމާލަށް މިސްރާބު ޖެހިއެވެ. ހިޝްމާ ދިޔައީ ޚާލިދާއާއި އޭނާގެ ކުޑަދަރިފުޅާއެކު ޓެކްސީއެއްގައެވެ.

ގެ ހުރީ އެހިސާބާއި ކައިރީގައި ކަމަށްވުމުން ހިޝްމާ ބޭނުންވީ ހިނގާލާފައި ގެއަށްދާށެވެ. އެހެންކަމުން ހިޝްމާ ކާރުން ފައިބައިގެން ގެއަށްދާން މިސްރާބު ޖެހިއެވެ. ޚާލިދާގެ ހިތުގައި ހިޝްމާ ޅީދަރިއަކަށް ހެދުމުގެ ޝަޢުޤު އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމަކު އޭނާގެ ދަރިފުޅުގެ އެޙާލަތާއެކު ބަލައިގަންނާނެ ކަމުގެ ޔަޤީންކަން ނެތަތީ އެވާހަކަ ހިއްސާކުރަން ނުކެރި އޮތީއެވެ. ހިޝްމާ ލޮލުކޮޅުން ގެއްލެންދެން މަޑުކުރުމަށް ފަހު ޚާލިދާ ދަރިފުޅު ގޮވައިގެން އެތެރެއަށް ވަނެވެ.

ފުލައިޓް ނައްޓާލާ ކަމުގެ މަޢުލޫމާތުދިނުމުން ހަނީފް ޝީޓްބެލްޓް ރަނގަޅުކޮށްލާ ގޮޑީގައި ހަމަޖެހިލިއެވެ. ހަނީފް އިށިއިނީ ކުޑަދޮރާއި ކައިރި ގޮޑީގައި ކަމަށްވުމުން ބޭރުގެ މާހައުލު ރީތިކޮށް ފެނެއެވެ. އެހިތްގައިމު މަންޒަރުތައް ދެކިލުމުގެ ޝަޢުޤު ހަނީފްގެ ހިތުގައި ވިއެވެ. ހަސްތީން ފެންނަމުން ދިޔަ ހަންހާރަވެތި މަންޒަރުތަކަށް ނަޒަރު ހިންގާލައިގެން ހިނިތުންވެފައި އިން ދަރިފުޅުގެ މޫނުމަތިން ކުއްލިއަކަށް އުދާސްކަން ފާޅުވުމުން ހުސޭނު ސަމާލުވިއެވެ. ހުސޭނަށް އެވީގޮތް ފަހުމުވުން ލޯތްބާއެކު ދަރިފުޅުގެ އަތުގައި ފިރުމާލާ ކަންބޮޑު ނުވުމަށް ބުންޏެވެ. ހަނީފް ބޯޖަހާލަމުން ދެލޯމަރާލަމުން ހަމަޖެހެން މަސައްކަތްކުރިއެވެ. ނަމަވެސް މީގެ ސާދަ އަހަރުކުރީގެ ހިތި މާޒީ އޭނާގެ ލޯ ކުރިމަތިން ނިއުޅެމުން ދިޔައެވެ. އުމުރުން ފަސް އަހަރުގައި އެންމެ ފުރަތަމަ ފަހަރު މަތިންދާބޯޓްގައި ކުރި ދަތުރުގައި ބޯޓް ވެއްޓި، ލޯބިވާ މާމައާއި ކާފައާއި ވަކިވެ އޭނާ ނުކުޅެދޭ މިހަކަށް ބަދަލުވާން މެދުވެރިވި ޙާދިޘާ ހިތުންފިލާނީ ކިހިނެއް ހެއްޔެވެ؟ ލޮލަށް ކަރުނަޖަމާވާން ފެށުމުން، އެޚިޔާލުތަކުން ދުރުވުމަށްޓަކައި ފޯނު ނެގުމަށްފަހު ޤުރުއާން ކިޔަވަން ފެށިއެވެ. ދަރިފުޅުގެ މިޢަމަލުން ހުސޭނުގެ ހިތަށް ހަމަޖެހުންލިބި ﷲއަށް ހަމްދު ކުރެވުނެވެ.

ޙަރަމްފުޅަށް ދެވުމާއެކު ހަނީފަށް އާދަޔާޚިލާފު އިޙްސާސްތަކެއް ކުރުވާ ރޫޙަށް އާދިރުމެއް ލިބުނެވެ. ﷲގެ ވާގިފުޅާއެކު އަޅުކަމުގެ ހުރިހާ ކަމެއްވެސް ފުރިހަމައަށް ނިންމާލެވުނެވެ. އެންމެ އުފާވީ އެތައް ރެއަކާއި ދުވާލު ﷲގެ ޙަޟްރަތުގައި ކުރަމުން އައި ދުޢާ އިޖާބަ ކުރައްވައި، ﷲގެ ހެޔޮ ރަޙްމަތުން ދެފައިމައްޗަށް ތެދުވެ ހިނގާލުމުގެ ނަސީބު ލިބުމެވެ. ހުސޭނުގެ ލޮލޮންވެސް އުފަލުން ކަރުނަ އައެވެ. ޚާލިދާއަށް އެއުފާވެރި ޚަބަރުދޭން އުޅުމުން ހަނީފް ބޭނުންވީ މަންމައަށް ސަޕްރައިޒެއް ދޭށެވެ.

ހަނީފްމެން އަންނަންވާއިރަށް މިކޮޅުންވެސް ދިޔައީ ސަޕްރައިޒްއަކަށް ތައްޔާރު ވަމުންނެވެ. ޚާލިދާގެ އުއްމީދުތަކުގައި ކުލަޖެހުނެވެ. އެކުވެރިޔާގެ ހަޔާތަށް ބަދަލެއް ގެނައުމުގައި މިފަހަރުވެސް އަތުކުރި އޮޅާލީ ދެގޮތެއްނުވެ ހުރިހާ ކަމެއްގައިވެސް ޝާމިލްވަމުން ދިޔަ ހިޝާމެވެ. އެކުވެރިޔާއާއި ލޯބިވާ އަންހެން ކޮއްކޮގެ ޖަޒުބާތުތަކާއި އިޙްސާސްތައް އެންމެގާތުން ދެކި، އެކަމާ ޚިޔާލު ކުރާތާ ދުވަސް ކޮޅެއްވެއްޖެއެވެ. ހިޝާމް ދިރިއުޅުމެއް ފަށަން ޚިޔާލުކުރަނީ އޭނާގެ ބެލުމުގެ ދަށުގައިވާ ކޮއްކޮ ރަނގަޅު މީހެއްގެ އަތްމައްޗަށް ހަވާލުކުރުމަށް ފަހުއެވެ. ޚާލިދާއާއި ހުސޭނުގެ ރުހުމާއެކު ހަނީފްއާއި ހިޝްމާގެ ކައިވެނި ހަމަޖެހިގެން ދިޔައެވެ. ޚާލިދާގެ އެދުމަށް ހުސޭނުވެސް ހަނީފަށް އެކަން ސިއްރު ކޮށްފައި ބޭއްވިއެވެ.

ކުޑަދަރިފުޅު ނިދާފައި އޮތުމުން ހިޝްމާ ގޭގައި ބައިންދާފައި، އެއާޕޯޓަށް ދިޔައީ ޚާލިދާއާއި ހިޝާމްއެވެ. އެއާޕޯރޓުން ނުކުތް ހަނީފާ ހުސޭނަށް ޚާލިދާފެނުމާއެކު އެދިމާލަށް ދިޔައެވެ. އެއްކައިރީގައި މަޑުކުރުމަށް ހުސޭނު ޚާލިދާއަށް ބުންޏެވެ. މީހުންގަނޑުގެ ތެރޭން ނުކުމެވުމުން ހުސޭނު ފުރޮޅުލީ ގޮނޑި މަޑުކުރިއެވެ. ހުސޭނުގެ އިޝާރާތާއެކު، ހަނީފް މަޑުމަޑުން ތެދުވެ މަންމައާ ދިމާލަށް މަޑުމަޑުން ފިޔަވަޅު އަޅާލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޚާލިދާގެ ދެލޯ ކަރުނުން ފުރުނެވެ. ހާސްފަށުން ﷲއަށް ޙަމްދާއި ޝުކުރު ކުރެވުނެވެ. އޭނާ ރެޔާ ދުވާލު ކުރަމުން އައި ދުޢާ މާތްﷲ އިޖާބަ ކުރައްވައިފިއެވެ. ކަރުނަވީ ލޮލަކާއި އެކު ހިނިތުންވެލަމުން ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. ހިޝާމްވެސް ވީއުފަލުން އެކުވެރިޔާގެ ގައިގައި ބައްދާލުމަށްފަހު އަތުގައި ހިފައިގެން ކާރާއި ދިމާލަށް ދިޔައެވެ.

ހިޝާމް ގެއަށްއަންނަ ވާހަކަބުނަން މެސެޖް ކުރިއްސުރެ ހިޝްމާ އިނީ އަތްފައި ފިނިވެ މޭތުރުތުރު އަޅައަޅައެވެ. ގޭތެރެއިން ފިޔަވަޅުތަކުގެ އަޑު އިވުމުން މޭފަޅާލާފައި ހިތް ނުކުންނަން އުޅުނުހެން ހީވިއެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެލޯމަރާ ބާރުކޮށް ލެވުނެވެ. ކޮއްކޮގެ ކޮޓަރި އެނދުމަތީ ތުނި ބުރުގާއަކުން ނިވާވެފައި އިން އަންހެން ކުއްޖާފެނި ހަނީފްގެ ފިޔަވަޅުތައް ހުއްޓުނެވެ. އެތަންފެނި ޚާލިދާ ގޮސް ހިޝްމާގެނެސް ހަނީފް ކުރިމަތީ ބަހައްޓާފަ އެތުނި ބުރުގާ ނެގިއެވެ. ހަނީފާއި ހިޝްމާގެ ހަތަރުކަޅި ހަމަވި ވަގުތު ހައިރާން ކަމާއެކު އަނގަހުޅުވި ދެމީހުންވެސް ހުއްޓުން އެރިއެވެ. ޚާލިދާ ދެކުދިން އެނދުމަތީ ބޭތިއްބުމަށްފަހު ވާނުވާ ކިޔައިދިނެވެ. އަދި ދެކުދިން ވާހަކަ ދެއްކުމަށް ފުރުސަތު ދެމުން ޚާލިދާ ކޮޓަރިން ނުކުތެވެ.