އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިނު ބައްދަލުވުމެއް ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ބޭއްވި ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށާއި އެކަމަށް ފިޔަވަޅު އަޅައި ދިނުމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ގޮވާލައްވައިފިއެވެ.

އިންތިގެ ކެމްޕެއިން ޓީމުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، މި މަހުގެ 5 ވަނަ ދުވަހު ފައްޔާޒްގެ ކެމްޕެއިން ބައްދަލުވުމެއް ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ބޭއްވި ކަން އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ޓްވީޓް ކޮށްފައިވާ ފޮޓޯ ތަކާއި ޓްވީޓްތަކުން ފެންނަން އޮތް ކަމަށެވެ. ދައުލަތުގެ ވަސީލަތާއި، މުދަލާއި މުވައްޒަފުން ފައްޔާޒްގެ ކެމްޕެއިނަށް ބޭނުން ކުރަމުން ދަނީ ކުޑަވެސް ޖެހިލުމެއް ނެތި، ލަދެއް ވެސް ނެތި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް އިންތިއަށް ސަޕޯޓް ކުރާ ދައުލަތުގެ މުވައްޒަފުންނަށް ބިރު ދައްކަމުން އަންނަ ކަމަށާއި، ދައުލަތުގެ މުދަލާއި ވަސީލަތާއި މުވައްޒަފުން ފައްޔާޒްގެ ކެމްޕެއިނަށް ބޭނުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިގެން އެކަން ފާހަގަ ކޮށްފައި ވާނެ ކަމަށް އެ ބަޔާނުގައި ބުނެއެވެ. އަދި އެ ކަން ފާހަގަ ކުރި ކަމުގައި ވިޔަސް އެކަށީގެންވާ ތަސައްލީއެއް ލިބިފައި ނުވާ ކަމަށް އެ ފަރާތުން ބުނެއެވެ.

އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ މި ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާ އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށާ އެފަދަ އަމަލުތަކަކީ ސަރުކާރުން އަބަދުވެސް ކުށްވެރިކުރާ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވެފައި ވީ ނަމަވެސް ތަކުރާރުކޮށް ފެނި ފާޅުވަމުން ދަނީ އެ ވާހަކަތަކާ ހިލާފު މަންޒަރުތައް ކަމަށްވެސް އިންތިގެ ކެމްޕެއިން ޓީމުން ބުނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ރަސްމީ ޓްވިޓާ އެކައުންޓުން ވާދަވެރި ކެންޑިޑޭޓްގެ ކެންޕެއިންގެ ޓްވީޓެއް ރީ-ޓްވީޓް ކުރުމާއި ދިވެހި ސަރުކާރުގެ ރަސްމީ ޓްވިޓާ އެކައުންޓުން ވާދަވެރި ކެންޑިޑޭޓުގެ ވާގިވެރިންގެ ހަބަރު ރީ-ޓުވީޓު ކުރުމަކީ އެކަމުގެ ހެއްކަކަށް ފުދޭ ކުޑަ މިންވަރެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

​އިމްތިޔާޒުގެ ކެމްޕެއިން ޓީމުން ވަނީ ވަޒީފާގެ ބިރުދެއްކުމާއި ވާދަވެރި ކެންޑިޑޭޓްގެ ކެންޕެއިނަށް ހާއްސަކޮށް ފެނަކަ ފަދަ ދައުލަތް ހިއްސާވާ ކުންފުނިތައް ހިމެނޭ ގޮތުން ދިވެހި ދައުލަތުގެ ވަސީލަތާއި މުދަލާއި މުއައްޒަފުން ބޭނުން ކުރަމުންދާ ދިއުމަކީ ކުޑަކޮށްވެސް ބަލައިގަނެވެން ނެތް ކަމެއް ކަމަށް ބުނެފައެވެ. އެކަން ނުހުއްޓުވައި ބަލަހައްޓައިގެން ތިބުމަކީ ހުތުރު ވެގެންވާ އަދި ޑިމޮކްރެޓިކް މުޖުތަމައެއްގައި ކުޑަވެސް މިންވަރަށް ބަލައިގަނެވޭ ބާވަތުގެ ކަންކަން ނޫންކަން ދިވެހި ސަރުކާރަށް ހަނދާންކޮށްދޭ ކަމަށް އެ ޓީމުން ބުނެއެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) އަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް މުހިންމު ދެބޭފުޅުންނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މި ދެބޭފުުން ވެސް އަންނަނީ ވަރަށް ވަރުގަދައަށް ކެމްޕެއިން ކުރަމުންނެވެ. އެ ދެބޭފުޅުން ނިސްބަތް ވަނީ އެ ޕާޓީ ތެރޭގައި މިހާރު އޮތް ސިޔާސީ ދެބައިވުމާ އެއްގޮތަށް 2 ފެކްޝަނަށެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެވެ. އިންތި އަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ. އެހެންކަމުން މި ވަގުތު ކެމްޕެއިން ކުރަމުން އަންނަ އިރު ވާދަވެރި ކަމާއެކު ދެ ފަރާތުގެ ބަހުގެ ހަމަލާތައް ބަދަލު ކުރަމުން އަންނަ މަންޒަރު ފެނެއެވެ.

އިންތި ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިރު، އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ތާއީދު ކުރައްވަނީ އިންތިއަށެވެ. ހަސަން ލަތީފެ ވެސް ވަނީ މުޑުދާރު ކަންކަން އެމްޑީޕީގެ ތެރެއަށް މިހާރު ވަދެފައިވާ ކަމަށް ވިދާލުވެ ފައްޔާޒް ކެމްޕެއިން ބައްދަލުވުމެއް ނިލަންދޫގައި ބޭއްވި މައްސަލައިގައި އެ ފެކްޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.