"އަޅެ ސައީދު އަޅުގަނޑު މި ޕާޓީން ބޭރުކޮށްބަލަ. ސައީދު ތިޔަހާ މުނާފިގު ނުވެބަލަ. ދޮގު ނުހަދަ ބަލަ" އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް މުހައްމަދު ނަޝީދު ފޮނުއްވީ އެ މެސެޖެވެ.

ނަޝީދުގެ އެ މެސެޖަކީ، އެމްޑީޕީ ޗެއާޕާސަން އިންތިހާބާ ދިމާކޮށް އެކި ރަށްރަށުގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ، ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރާ ކަމުގެ ތުހުމަތާއެކު އުފެދުނު ދެބަސްވުމުގެ ރައްދެވެ.

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދަކީ، އެމްޑީޕީ ސެއާޕާސަން ކަމަށް ވާދަ ކުރައްވާ، އިކޮނޮމިކް މިނިސްޓްރު ފައްޔާަރު އިސްމާއީލަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ރައީސް ނަޝީދު ހުންނެވީ، ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީ ފަޅީގައެވެ.

ނަޝީދުގެ ތުހުމަތަކީ، ސައީދު، ފެނަކައިގެ މުވައްޒަފުންނަށް ގުޅުވައްވާ ވަޒީފާގެ ބިރު ދައްކަވަމުން ގެންދަވާ ކަމުގެ ތުހުމަތެވެ. އަދި ފެނަކައަކީ ސައީދުގެ އަމިއްލަ ތަނެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދު އެމްޑީޕީން ވަކިކުރަން ސައީދު މަސައްކަތްކުރައްވާ ކަމުގެ ތުހުމަތުވެސް ނަޝީދު ވަނީ ކުރައްވާފައެވެ.

މި މައްސަލައިގައި ސައީދުއާއި ނަޝީދާ ދެމެދު ދެބަސްވުން ހިނގައި އެ އެކަން ވަޓްސްއެޕް ގްރޫޕާ ހަމައަށް ފޯރީއެވެ. އެ މެސެޖަކީ އެ ކަމުގެ ރައްދުގައި ނަޝީދު ވިދާޅުވި ބަހެވެ.

ނަޝީދުގެ ތުހުމަތު ދޮކު ކުރައްވާ، ސައީދު ވިދާޅުވެފައި ވަނީ އެ މުވައްޒަފަކު ތާއީދު ކުރާނެ ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ އިހުތިޔާރު ފެނަކައިގެ މުވައްޒަފުން އޮންނާނެ ކަމަށާއި، ބަޔަކު ފިތުނައަކަށް ވާގޮތަށް ވާހަކަތަކެއް ދެއްކީ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަން ހިނގި އިރުވެސް، ފެނަކައަށް މިފަދަ ތުހުމަތުތަކެއް އިދިކޮޅުން ކުރިއެވެ. އެތައް ބަޔަކަށް ވަޒީފާތައް ދިނުމާއި ދެބަސްވާ މީހުން ވަޒީފާއިން ވަކި ކުރުމުގެ ތުހުމަތެވެ. ނަމަވެސް އެ އިންތިހާބު ނިމުމުން އެވާހަކަތައް އޮބިއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ރޯދަ ނިންމާ، މެއި މަހަށް ތާވަލު ކޮށްފައި ވާއިރު، އިންތިހާބުގައި ވާދަކުރާ 2 ކެންޑިޑޭޓުން، އެބޭފުޅުންގެ ޓީމުތަކާއެކު ރާއްޖޭގެ އުތުރާއި ދެކުނަށް ވަޑައިގެން ފޯރީގައި ކެމްޕެއިން އެބަ ހިންގަވައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 95،000 މީހުންނަށް ވޯޓު ލެވޭ ކަމަށް އެޕާޓީން ބުނެފައި ވާއިރު، ޗެއާޕާސަން އިންތިހާބު ފޯރި ގަދަވެ މުހިންމު ވަނީ، އެ މަގާމު ފައްޔާޒު ކާމިޔާބު ކުރައްވައިފި ނަމަ، ރައީސް ނަޝީދު ޕާޓީން ބާކީ ކުރާނެ ކަމުގެ އަޑުތައް ގަދަވެފައި ވާތީއެވެ.