ހަކަތަ ގަތުމަށްޓަކާ އެ ގައުމުން ކުރާ ސައްހަ ވިޔަފާރި ސިޔާސީ ނުކުރުމަށް، އިންޑިއާއިން ގޮވާލައިފިއެވެ.

އިންޑިއާއިން އެކަމަށް ގޮވާލީ، ރަޝިއާއިން ހެޔޮ އަގެއްގައި އިންޑިއާއިން ތެޔޮ ގަތުމުން، ހުޅަނގުގެ ބާރުތަކުން، ވަކިން ހާއްސަކޮށް ވިލާތުން ފާޑުކިއުންތައް އަމާޒު ކުރުމާ ގުޅިގެންނެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރުތަކަކާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ހަކަތަ ގަތުމަށްޓަކާ އިންޑިއާއިން ކުރާ ސައްހަ ވިޔަފާރިއެއް ސިޔާސީ ކުރެވިގެން ނުވާނެއެވެ. އަދި އަމިއްލަ ގައުމަށް ތެލުގެ މުއްސަނދިކަން ލިބިފައި ވާ ފަރާތްތައް ނުވަތަ ރަޝިއާއިން ތެޔޮ ގަންނަ އެހެންވެސް ގައުމުތަކުން، މިފަދަ ގޮތަކަށް ވިޔަފާރި ކުރުމާ ދެކޮޅަށް ވަކާލާތު ކުރެވިގެން ނުވާނެ ކަމަށްވެސް އިންޑިއާއިން ވަނީ ބުނެފައެވެ.

ރަޝިއާއިން ޔޫކްރައިންއަށް އަރާ ހަނގުރާމަ ކުރަމުން ދާ މައްސަލާގައި އެމެރިކާއިން ވަނީ، ރަޝިއާއިން ވިއްކާ ތެޔޮ، އެމެރިކާއަށް އިމްޕޯޓް ކުރުން މުޅިން ހުއްޓާލަން ނިންމާފައެވެ. ވިލާތުންވެސް ދަނީ ރަޝިއާއިން ވިއްކާ ތެލާއި ބޯޓު ދެލި ފަދަ ހަކަތައިގެ އުފެއްދުންތަކަށް ބަރޯސާވުން ކުޑަ ކުރާނެ ކަން ހާމަ ކޮށްފައެވެ.

މިއާއެކު ރަޝިއާއިން ދަނީ ގިނަ ގައުމުތަކަށް ޑިސްކައުންޓް ނުވަތަ ހެޔޮ އަގެއްގައި ތެޔޮ ވިއްކަމުންނެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ.

ކަން މިހެން އޮތް އިރު ގިނަ ގައުމުތަކުން ދަނީ ރަޝިއާ އަތުން ހަކަތައިގެ އުފެއްދުންތައް ގަންނަމުންނެވެ. ރަޝިއާއިން އެކްސްޕޯޓް ކުރާ ގުދުރަތީ ގެހުގެ 75 ޕަސެންޓް ގަންނަނީ އޯއީސީޑީގައި ހިމެނޭ، ޖަރުމަނުވިލާތް، އިޓަލީވިލާތް އަދި ފަރަންސޭސިވިލާތް ފަދަ، ވިލާތުގެ ގައުމުތަކުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ނެދަލަންޑްސް، އިޓަލީވިލާތް، ޕޯލަންޑް، ފިންލަންޑް، ލިތުއޭނިއާ އަދި ރޮމޭނިއާ ފަދަ ގައުމުތަކަކީ ފުޅާ ދާއިރާއެއްގައި، ސާފު ނުކުރާ ތެޔޮ، ރަޝިއާއިން އިމްޕޯޓް ކުރާ ގައުމުތަކެވެ.

އިންޑިއާއަށް ބޭނުންވާ ސާފު ނުކުރާ ތެލުގެ މިންވަރުން، ރަޝިއާ ހިއްސާ ކުރަނީ އެންމެ 1 ޕަސެންޓަށްވުރެ ދަށް އަދަދެކެވެ. އަދި ތެޔޮ އިމްޕޯޓް ކުރުމުގައި ދޭދޭ ސަރުކާރުގެ މެދުގައި އެއްބަސްވުމެއްވެސް އެކުލަވާލާފައެއް ނުވެއެވެ. ނަމަވެސް އިންޑިއާގެ ދައުލަތުން ހިންގާ ތެޔޮ ކުންފުނިން ވަނީ، ޑިސްކައުންޓް އަގެއްގައި ރަޝިއާ އަތުން 3 މިލިއަން ފީފާގެ ތެޔޮ ގަނެފައެވެ.