އެމްޑީޕީ ޗެއާޕާސަން މަގާމާއި، އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމުގެ އިންތިހާބް، އަންނަ މެއި މަހުގެ 14 ވަނަ ދުވަހަށް ފަސް ކުރަން ފާސްކޮށްފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން މީގެ ކުރިން ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ. އިންތިހާބު ރޯދަ މަހާ ދިމާވާތީ އެކަމާ ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން އެ އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ނިންމާފައި ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށެވެ. އެގޮތުން ގައުމީ މަޖިލީހުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގި ވޯޓުން މިގޮތަށް ފާސްކޮށްފައި ވަނީ، ވޯޓުގައި ބައިވެރިވި 115 މެންބަރުންގެ ތެރެއިން 100 މެންބަރުންގެ އިއްތިފާގުންނެވެ.
މި އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލައި މިހާރު ކެމްޕެއިން ކުރަމުން އަންނަ އިރު އެންމެ ވާދަވެރި މަގާމެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމެވެ. އެ މަގާމަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި ދެބޭފުޅުން ވާދަކުރެއްވުމާއެކު އެމްޑީޕީގެ މެންބަރުންވެސް މިހާރު ވަނި ދެ ފެކްޝަނަކަށް ބެހިފައެވެ. އެއްބަޔަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ފައްޔާޒު ފަހަތަށް އަރާފައި ވާއިރު އަނެއްބަޔަކު ތިބީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ އިންތިގެ ފަހަތުގައެވެ.
މިރޭ އޮތް ގައުމީ މަޖިލީހުގައި މި މައްސަލައިގައި ބަހުސް ކުރިއަށް ދާ އިރު ބައެއް މެންބަރުން ބުނީ، ރޯދަ މަހުގައި އިންތިހާބު ބާއްވަން އުނދަގޫ ވާނެ ކަމަށާއި ވޯޓް ލާން ދާން ގިނަޔަބަކަށް އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން އިންތިހާބު މި ރޯދައިގެ ކުރިން ބޭއްވުމަށް ބައެއް މެންބަރުން އެދިފައި ވަނީ، އިންތިހާބު ފަސް ނުކޮށް ކުރިއަށް ޖެއްސުމަށެވެ.
އަނެއް ބައި މެންބަރުން އެދެނީ، މި އިންތިހާބު ރޯދައިގެ ފަހަށް ޖެއްސުމަށެވެ. އެއީ ރޯދައިގެ ސަބަބުން އިންތިހާބު ބޭއްވުމަށް ހުންނާނެ ދަތިތަކާއި އަދި ވޯޓު ލުމަށް މެންބަރުން ރޯދަ މަހެއްގައި އުޅުމަކީ ދަތިކަމަކަށް ވާނޭތީ ކަމަށް އެ މެންބަރުން ފާހަގަ ކުރެއެވެ.