އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމުމަށް މިރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ބަހުސް ހޫނު ވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން މީގެ ކުރިން ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ. އެ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލައި މިހާރު ކެމްޕެއިން ކުރަމުން އަންނަ އިރު އެންމެ ވާދަވެރިކޮށް ފެންނަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ކަމަށް ބެލެވެއެވެ.

އެ މަގާމަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި ދެބޭފުޅުން ވާދަ ކުރެއްވުމާއެކު އެމްޑީޕީގެ އެތެރޭގެ މެންބަރުން ވެސް މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. އެ ގޮތުން ފައްޔާޒް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ. އިންތިއަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ.

މިހާރު ގައުމީ މަޖިލީހުގައި މި މައްސަލައިގައި ބަހުސް ކުރިއަށް ދާ އިރު ބައެއް މެންބަރުން ބުނީ، ރޯދަ މަހުގައި އިންތިހާބު ބާއްވަން އުނދަގޫ ވާނެ ކަމަށާއި ވޯޓް ލާން ދާން ގިނަޔަބަކަށް އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން އިންތިހާބު މި ރޯދައިގެ ކުރިން ބޭއްވުމަށް ބައެއް މެންބަރުން އެދިފައި ވަނީ، އިންތިހާބު ފަސް ނުކޮށް ކުރިއަށް ޖެއްސުމަށެވެ.

އަނެއް ބައި މެންބަރުން އެދެނީ، މި އިންތިހާބު ރޯދައިގެ ފަހަށް ޖެއްސުމަށެވެ. އެއީ ރޯދައިގެ ސަބަބުން އިންތިހާބު ބޭއްވުމަށް ހުންނާނެ ދަތިތަކާއި އަދި ވޯޓު ލުމަށް މެންބަރުން ރޯދަ މަހެއްގައި އުޅުމަކީ ދަތިކަމަކަށް ވާނޭތީ ކަމަށް އެ މެންބަރުން ފާހަގަ ކުރެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި ހަސަން ލަތީފް މި ޖަލްސާގައި ބަހުސް ކުރައްވަމުން ވިދާޅުވީ، އެމްޑީޕީއަކީ އިންތިހާބު ބޭއްވުމުގެ ގާބިލްކަން އޮތް ޕާޓީއެއް ކަމަށެވެ. އެހެންކަމުން ކުރިން ފާސްކޮށްފައިވާ ގޮތަށް އޭޕްރިލް 16 ގައި އިންތިހާބު ބޭއްވުމަކީ އެއްވެސް މައްސަލައެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ބަހުސްގައި އިންތިހާބަށް ބައެއް ކެންޑިޑޭޓުން ނުފޫޒު ފޯރުވާ ކަމަށް ވެސް ތުހުމަތުކޮށް އެއް ބަޔަކު އަނެއް ބަޔަކު ދަނީ އިނގިލި ދިއްކުރަމުންނެވެ. ރޯދައިގެ ފަހަށް އިންތިހާބު ޖައްސަން އެދެނީ ފައްޔާޒުގެ ފެކްޝަނުންނެވެ.