އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވާ ތާރީހް ފަސް ކުރުމާ ދެކޮޅު ކަމަށް އެ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.
އިންތިގެ ކެމްޕެއިން ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އަންނަ އޭޕްރީލް 16 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އިންތިހާބު އެންމެ ދުވަހަކަށްވެސް ފަސްކުރުމަށް ދެކޮޅު ހަދާ ކަމަށާއި، ތާރީހަށް ބަދަލު ގެނެސް، ގަޑުބަޑު ކުރުމަކީ އިންތިހާބުގެ ސައްހަކަމާ މެދު ޝައްކާއި ވަހުމް އުފެއްދުމަށް މީގެ ކުރިން އިދިކޮލޫން އިންތިހާބުގައި ވެސް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ތާރީހް ބަދަލު ނުކުރުމަށް އެދި އެ ޓީމުން ބުނީ އެމްޑީޕީގެ އާންމު މެންބަރުން ތިބީ މި އިންތިހާބަށް ނުހަނު ޖޯޝާއި، ފޯރީގައި ނުކުމެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތި ކުރިމަތި ލައްވާފައިވާ އިރު މިހާރު އޭނާ ވަނީ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެންފައިވާ އިރު އެ ސިތީން ވަނީ އިންތިއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުގައި އިންތިއާއެކު މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްްމަދު ވަހީދު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން ބައިވެރިވެވަޑައިގަންނަވައެވެ.
އަދި އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން ހަސަން ލަތީފް އާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވެސް ބައިވެރިވެވަޑަައިގަންނަވައެވެ.
ކެމްޕެއިނަށް އިންތި އައްޑޫ އަށް ވަޑައިގެންފައިވާ އިރު، މި އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ތާއިދުކުރައްވާ ކަން އިއުލާން ކުރައްވާފައެވެ.