އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ތާއިދު ކުރައްވައިފިއެވެ.

އަސްލަމް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެ ޕާޓީ ލީޑް ކުރެއްވުމުގައި އިސްކޮށް ހުންނަވުމަށް އޭނާގެ ތާއީދު ފައްޔާޒަށް އޮތް ކަމަށެވެ. ފަޔާޒަކީ ސިޔާސީ ގޮތުން އާދަޔާ ހިލާފު ހުނަރުވެރި، ސިޔާސީ ގޮތުން ސާބިތު ކަމާއެކު ހުންނެވި ބޭފުޅެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ފައްޔާޒަކީ ހަރުދަނާ ލީޑަރެއްކަން ސާބިތުކޮށްދެއްވާފައި ވާ ކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ.

އަންނަ އޭޕްރީލް މަހުގެ 16 ގައި ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން، އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމުގެ އިންތިހާބު ނިންމާފައިވާ އިރު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ދެ ބޭފުޅުންނަކީ ފައްޔާޒުގެ އިތުރުން އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވާ އެމްޕީ އިމްތިޔާޒު ފަހުމީއެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) އަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް މުހިންމު ދެބޭފުޅުންނަށް ވާއިރު، އެ ދެބޭފުޅުން ނިސްބަތް ވަނީ އެ ޕާޓީ ތެރޭގައި މިހާރު އޮތް ސިޔާސީ ދެބައިވުމާ އެއްގޮތަށް 2 ފެކްޝަނަށެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެކެވެ. އިންތި އަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ދައުރު ހަމަވެފަައި ވާ އިރު، އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ރައީސްކަމުގައި މިހާރު ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ފުރުއްވާފައި ވެއެވެ.

ދާދި ފަހުން އެމްޑީޕީގެ ޕީޖީ ލީޑަރުގެ ގޮތުގައި އިންތިހާބުވި އަސްލަމް ފައްޔާޒަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އިރު، އިންތިއަށް ތާއިދު ކުރައްވާ ގިނަ ބަޔަކު ތިބި ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ފަހުން އައްޔަން ކުރި ޕީޖީ ލީޑަރު ފައްޔާޒާ އެއްކޮޅަށް ހުންނެވުން މި އިންތިހާބުގެ ފޯރި އިތުރަށް ގަދަވެއެވެ.