އަންނަ ރޯދަ މަހާ ހަމައަށް އަގުތަށް އެއްވަރެއްގައި ހިފަހައްޓައިގެން ކަސްޓަމަރުންނަށް ހިދުމަތް ދެމުން ގެންދާނެ ކަމަށް، މިފްކޯއިން ބުނެފިއެވެ.

މީގެ ކުރިން މިފްކޯއިން ނިންމާފައި އޮތީ މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ އުފެއްދުންތައް އަގުބޮޑު ކުރާށެވެ. ނަމަވެސް ރޭ ނެރުނު ނޫސްބަޔާނެއްގައި މިފްކޯއިން ބުނީ، މަސްވެރިންގެ އަތުން އެ ކުންފުނިން މަސް ގަންނަ އަގު ބޮޑުކުރަން ނިންމާފައި ވީ ނަމަވެސް، ކުރިއަށް އޮތް ރޯދަ މަގާ ގުޅިގެން ފަށާފައިވާ ޕްރޮމޯޝަނާ އެކު، އެ ކުންފުނީގެ އުފެއްދުންތަކުގެ އަގުތައް އެއްވަރެއްގައި ހިފަހައްޓައިގެން ހިދުމަތްތައް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދޭ ކަމަށެވެ.

އަދި މީގެ ކުރީ އަހަރުތަކެކޭ އެއްގޮތަށް އެ ކުންފުނީގެ އުފެއްދުންތައް ހުސްނުވެ، ފިހާރަތަކުން ލިބެން ހުންނާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މިފްކޯ މަސް ފިހާރައިގައި މީހަކު ވިޔަފާރި ކުރަނީ / ފޮޓޯ: ދަ ޕްރެސް

އިއްޔެ މިފްކޯއިން އޮތީ މިއަދުން ފެށިގެން ދަޅުމަހުގެ އަގު ބޮޑުކުރަން ނިންމާ އެކަން އެގޮތަށް ކުރަން ޖެހޭ ސަބަބު ހާމަ ކޮށްފައެވެ. އެގޮތުން ދަޅުމަހުގެ އަގު ބޮޑުވަނީ އެ ކުންފުންޏަކީ މައިގަނޑު ތެލުގެ މައްޗަށް ބަރޯސާވެފައި އޮންނަ ކުންފުންޏަކަށް ވެފައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާއެކު އެ ކުންފުނީގެ ހަރަދުތަކަށް އޭގެ އަސަރު ކުރާތީ ކަމަށް ބުންޏެވެ.

އަގުތަކަށް އަންނަ ބަދަލާ އެކު މިފްކޯ އިން ވިއްކާ ތެޔޮ މަސް ކޭހަކުން 70 ރުފިޔާ ވަރު އަގު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް އެ ފިހާރައިގައި މަސައްކަތްކުރައްވާ އޮފިޝަލަކު ވަނީ ރޭ "ދަ ޕްރެސް" އަށް ވިދާޅުވެފައެވެ. ނަމަވެސް އެހެން އުފެއްދުންތަކުގެ އަގު ބޮޑުވަނީ ކިހާ ވަރަކަށް ކަން ނޭނގޭ ކަމުގައިވެސް ރޭ އޭނާ ވިދާޅުވިއެވެ.

މިއަދަކީ މާޗު މަހުގެ ފުރަތަމަ ދުވަހަށް ވާއިރު، މިމަހުގެ ފުރަތަމަ ހަފްތާ އިން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަލާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފައެވެ. އަދި އެ އަގުތަކަކީ ބަދަލުވާ އަގުތަކަކަށް ވާއިރު، ސަރުކާރުގެ އެ ސިޔާސަތު ތަންފީޒު ކުރާ ހަފްތާގައި އަގުތައް ހުންނާނެ ގޮތުގެ އަންދާޒާއެއް މިހާރު ވަނީ މިފްކޯގެ މައި ކުންފުނި އެސްޓީއޯގެ އެމްޑީ ހާމަ ކުރައްވާފައެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، މިއަދުން ފެށިގެން މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނަ އަގު 17ރ އަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި މިފްކޯގެ ހިންގުން ހަރުދަނާކޮށް، ހަރަދުތައް ކުޑަ ކުރެވި، ބޭރުގެ މާކެޓު ހޯދައި، ދަޅުމަސް ބޭރުކުރެވޭ އަދަދު އިތުރު ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނާނެ އަގުތައް

މިފްކޯއަށް މަސްގަންނަ އަގަށް މިއަދު ބަދަލު ގެނައި އިރު ކުރިން މަސްގަންނަމުން ދިޔައީ 16ރ ގެ ރޭޓުގައެވެ.

ރާއްޖޭގައި މިފްކޯގެ އިތުރުން އެންސިސްގެ އުފެއްދުންތަކާއި، ހޮރައިޒަން ފިޝަރީޒްގެ އުފެއްދުންތަކާއި، ރާއްޖެއިން ބޭރުގައި ބަންދުކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކާ ދަޅުމަސް ލިބެން ހުރެއެވެ.