މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ގެ މަގާމުތަކަށް މެންބަރުން ހޮވުމުގެ އިންތިހާބު ފަށައިގެން ކުރިއަށް އެބަ ދެއެވެ.

މިއަދު ބާއްވާ އިންތިހާބުގައި، ޕީޖީ ގްރޫޕްގެ ހަ މަގާމަކަށް މެންބަރުން ކުރިމަތިލައްވާފައިވާއިރު، އަމީން އާންމު ކަމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ކަމަށްވާތީ، އޭނާ ވަނީ އެ މަގާމަށް ހޮވިވަޑައިގެންފައެވެ. އެހެންކަމުން، މިހާރު ކުރިއަށްދަނީ ބާކީ ހުރި މަގާމުތަކުގެ އިންތިހާބުތަކެވެ. އެ މަގާމުތަކަކީ:

  • ޕީޖީ ގްރޫޕްގެ ލީޑަރު
  • ޕީޖީ ގްރޫޕްގެ ދެ ނައިބު ލީޑަރުން
  • އަމީން އާންމުގެ ނައިބު
  • ޗީފް ވިޕް
  • ވިޕުން

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު ކަމަށް ވާދަކުރައްވަނީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި، ދާދިފަހުން އެ މަގާމު ފުރިހަމަ ކުރައްވާފައިވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އަދި ދެ ނައިބުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެ މަގާމުގައި ތިއްބެވި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ އިތުރުން، ޕީޖީގެ ކުރީގެ އަމީން އާންމު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިންތިހާބުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވޯޓު ލައްވަނީ / ފޮޓޯ: ދަ ޕްރެސް

މީގެ އިތުރުން، އަމީން އާންމުގެ ނައިބުގެ މަގާމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ކުރިމަތިލައްވާފައިވާއިރު، ޗީފް ވިޕް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ އާއި، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރިމަތިލައްވާފައިވެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވޯޓް ލައްވަނީ / ފޮޓޯ: ދަ ޕްރެސް

މިއަދު ހަވީރު 5:30 ގެ ނިޔަލަށް އިންތިހާބުގެ ކަންކަން ކުރިއަށްދާނެއެވެ.

ޕީޖީ ލީޑަރުގެ ޒިންމާއަކީ މަޖިލީހުގައި އެމްޑީޕީގެ ހިޔާލު ފާޅުކުރުމާއި ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތަށް ތަބާވުމަށް ބާރު އެޅުވުމާއި، މަޖިލީހުގައި ޕާޓީގެ ސިޔާސަތު ދިފާއުކުރުމެވެ.