އެމްޑީޕީގެ ޗެއާޕާންސަން ހޮވުމަށް އިންތިހާބު ބާއްވަން އިއުލާން ކުރުމާއެކު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވި އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ފޯމް ހުށަހަޅުއްވައިފިއެވެ.

ފައްޔާޒްގެ ކެމްޕޭން ޓީމުން ބުނީ މިއަދު ފައްޔާޒް ފޯމް ހުށަހެޅުއްވީ 6000 މީހުންގެ ސޮޔާއެކު ކަމަށެވެ.

ފައްޔާޒް ފޯމް ހުށަހެޅުއްވި އިރު އެ މާގަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވި، މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގައި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވަނީ ފޯމް ހުށަހަުއްވާފައެވެ.

އިމްތިޔާޒް ފަހުމީ އަދި ފައްޔާޒް އިސްމާއިލް

އަންނަ އޭޕްރިލް މަހު ބޭއްވުމަށް އެމްޑިޕީގެ އެތެރޭގެ އިންތިހާބު އިއުލާން ކުރުމާ އެކު، މި އިންތިހާބު ވެސް ވަނީ ދެ ފެކްޝަނަށް ބެހިފައި ކަމަށް ގިނަ ބަޔަކު އަންނަނީ ގަބޫލު ކުރަމުންނެވެ. ޗެއާޕާސަން ކަމަށް ވާދަ ކުރައްވަން ނިންމެވި ފައްޔާޒް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެއް ކަމަށާއި އަދި އިންތި އަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެއް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ ބުނަމުންނެވެ. މީގެ ކުރިން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވެސް ދެ ފެކްޝަނަކަށް ބެހިފައި އޮތް ކަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ވާދަވެރިކަމާއި ފޯރި ދައްކުވައިދޭ ކަމެއް ކަމަށް މީހުން ގަބޫލުކުރެއެވެ.

އެމްޑީޕީގެ އެތެރޭގައި ދެ ބަޔަކަށް މެންބަރުންތައް ބެހިފައިވާ ސަބަބެއް ކަމަށް ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކާ މެދު އޮތް ހިޔާޅުތަފާތުވުންތަކާ ހެދިއެވެ. އެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްކޮޅުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭއިރު، ދެން ވާދަކުރައްވާނީ މިހާރު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި އަދި މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު ނަޝީދު ކަމަށް ބެލެވެއެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަން ޕްރޮމޯޓް ކޮށްފައި ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް އަޑު އުފުލަމުންނެވެ.

މި އިންތިހާބަށް ވާދަކުރައްވަން އިންތިއާއި ފައްޔާޒް އިއުލާން ކުރުމާ އެކު، އާންމުންގެ ހިޔާލު ހޯދުމަށް ދަ ޕަރެސް އިން ވަނީ މިދިޔަ އާދިއްތަ ދުވަހު ޕޯލެއް ފައްތާފައެވެ. އެ ޕޯލް ނިމުމަށް 17 ގަޑިއިރަށް ވެފަިއވާ އިރު، މިހާތަނަށް ވަނީ 590 މީހަކު ވޯޓުގައި ބައިވެރިވެފައެވެ. މިހާރު ނަތީޖާ ދައްކާ ގޮތުގައި 64.9 ޕަސެންޓް ވޯޓާ އެކު ފައްޔާޒް ވަނީ ކުރި ހޯއްދަވާފައެވެ.