ކޮވިޑް 19 އަށް ޕޮޒިޓިވްވާ އަދަދު 1000 އަށް ވުރެ މަތީގައި އުޅޭއިރު އެއަދަދު ދަށް ނުވާތާ ދުވަސްތަކެއް ވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުން އަންނައިރު 2000 އަށްވެސް ކޭސްތަކުގެ އަދަދު ވަނީ އަރާފައެވެ. އަދި މިހާރު ކޭސްތައް 1000 އަށް ވުރެ މަތީގައި އުޅޭއިރު މިމަހުގެ 11 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ 986 މީހުންނެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4374 ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 1408 ސާމްޕަލް ހިމެނޭ ކަމަށެވެ. އަދި މުޅި ޖުމްލަ ނެގި ސާމްޕަލްގެ 24.14 ޕަސެންޓް މިއަދު ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ވަނީ ނެގި ސާމްޕަލްގެ 10 ޕަސެންޓް ޕޮޒިޓިވްވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ޕޮޒިޓިވްވި އަދަދަށް ބަލާއިރު ޖުމްލަ 1056 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 146 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 792 މީހަކު ހިމެނޭއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 59 މީހެކެވެ.

ޕޮޒިޓިވްވާ އަދަދު މަދުވަމުން އަންނައިރު ހޮސްޕިޓަލުގައި ކޮވިޑް ޖެހިގެން އެދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިހާރު 26 މީހަކަށް ފަރުވާދެމުން އަންނަ އިރު މިދިޔަ ޖެނުއަރީ މަސްތެރޭގައި އެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށްވެސް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 162،169 މީހަކަށް ކޮވިޑް ބަލި ޖެހިފައިވާއިރު މި ބަލީގައި 289 މީހަކު ވަނީ މަރުވެފައެވެ.