މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހުޅުމާލެއިން 1000 ގޯތި ހަމަޖެއްސިކަން ހާމަކުރި އިރު، މާލެ ސިޓީ ކައުންސިލަށް އެކަން އަންގާފައި ނުވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މުއިއްޒު ވިދާޅުވީ، މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމުގެ ޝަކުވާތައް ސަރުކާރަށް ހިއްސާ ކޮށްފައި ވީ ނަމަވެސް އެކަމާ ގުޅިގެން ގޮތެއް ނިންމި އިރު އެކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ކައުންސިލަށް އަންގާފައި ނުވާކަމަށެވެ. އަދި އެ މައުލޫމާތު ލިބިވަޑައިގަތީ ނޫސްތަކުގައި ޝާއިއު ކޮށްފައި އޮއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ގޯތި ލިބޭ މީހުން ކަނޑައެޅުމުގެ އުސޫލު ހެދުމުގައި މާލޭގެ މަޖިލިސް މެންބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ހައުސިން މިނިސްތަރު އަސްލަމް އާ ހަވާލާދީ ނޫސްތަކުގައި ލިޔެފައި އޮއްވާ ފެނިވަޑައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހައުސިން މިނިސްޓަރަށް މުއިއްޒު ގުޅުއްވި ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާ ކަމަށާއި އަދި މުއިއްޒު އަށް އަނބުރާ ގުޅުއްވާފައި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއަދު އެ ދެބޭފުޅުންނަށް ރަސްމީކޮށް ސިޓީއެއް ފޮނުއްވަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެެވެ.

މި ކަމުގައި ސަރުކާރުން ގޮތް ނިންމި އިރު މާލެ ސިޓީ ކައުންސިލް އެއްވެސް ވަރަކަށް ބައިވެރި ނުކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ލާމަރުކަޒީ ގާނޫނުގައި ވާ ގޮތުގައި ކައުންސިލް ބައިވެރިކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭގެ ރައްޔިތުންގެ ކަންކަމުގައި ދުވަހުން ދުވަހަށް މަސައްކަތުގައި އުޅޭ ބަޔަކީ ކައުންސިލް ކަމުގައި މުއިއްޒު ވިދާޅުވެއެވެ.

ހުޅުމާލެއިން މާލެ ރައްޔިތުންނަށް 1250 އަކަފޫޓުގެ 1000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް އިއްޔެ ރޭ ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވަނީ ވިދާޅުވެފައެވެ. ސުހައިލް މިހެން ވިދާޅުވެފައި ވާއިރު، މާލެ ރައްޔިތުންނަށް އިންވަކިކޮށް ގޯތީގެ ފަތް ދީފައި މެނުވީ ރިޔާސީ ދައުރު ނިންމަވާ ނުލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.