ޓޫރިޒަމްގެ ގޯލްޑަން އަހަރާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ސްޓޭމްޕެއް ތައާރަފް ކޮށްފިއެވެ.
މި ސްޓޭމްޕް ނެރެދެއްވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބާނީން ކަމަށްވާ މަޓީގެ ޗައާމަން މުހައްމަދު އުމަރު މަނިކު، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް، މަޓީގެ ވައިސް ޗެއާމަން ހުސެއިން އަފީފް، އަދި ފެބްރުއަރީ 16، 1972 ގައި ރާއްޖެއަށް ފުރަތަމަ ޓުއާ ގްރޫޕެއް ގެނައި އިޓަލީ ވިލާތުގެ ޖޯޖް ކޯބިންގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިއަދަކީ ރާއްޖެއަށް ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕް އައި ދުވަސް ކަމަށްވާ އިރު، އޭރު މި ކަން ވިޔަފާރިއެއްގެ ގޮތުގައި ފެށުމަށް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ދުވަހުގެ ގޮތުގައި އޮކްޓޯބަރު 3 ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަނަޑައި ދެއްވުމުން މިއަހަރު އެންމެ ފުރަތަމަ ޓޫރިޒަމް ދުވަސް ފާހަގަ ކުރާނީ ރާއްޖޭގައި ޓޫރިޒަމް ހިނގަމުންދާ ތާ 50 އަހަރު ފުރުން ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމާ އެކުގައި ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
ގޯލްޑަން ޖުބްލީ ފާހަގަ ކުރުމަށް ތައްޔާރުވެފައިވާ އިރު، މިއަހަރު ތެރޭ ގިނަ އިވެންޓްތަކެއް ބާއްވަން ނިންމާފައިވާ ކަން މައުސޫމް ފާހަގަ ކުރެއްވިއެވެ. އެފަދަ އިވެންތްތަކުގެ ތެރެއިން އެންމެ ހާއްސަ އިވެންޓެއްގެ ގޮތުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ސިލްސިލާގެ ފުރަތަމަ ސެޝަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ކުލަ ގޮތެއްގައި މިއަހަރު ފާހަގަކުރަން ނިންމާފައިވާ އިރު، ފަތުރުވެރިކަން ޕްރޮމޯޓް ކޮށް ގިނަ ފަތުރުވެރިންތަކެއް ރާއްޖެއަށް ގެނައުމަށް އަންނަނީ ޕްރޮމޯޝަން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ހަމައެއާއެކު ޓޫރިޒަމް ދާއިރާ ފުޅާ ކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.