ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިން މެނޭޖަރަކަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ހަމަޖައްސައިފިއެވެ.
މިކަން ކަށަވަރު ކޮށްދެއްވައި ކުރެއްވި ޓްވީޓެއްގައި، އެމްޑީޕީގެ ކެމްޕެއިން އަދި މެންބަޝިޕް ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާ ސާބެ ވަނީ އެ ކޮމިޓީން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައެވެ. އަދި އިންތި އަށް ކެމްޕެއިން ކޮށްދެއްވުމަށް ނިންމަވާފައިވަނީ އިންތިއަކީ އެމްޑީޕީގެ އަސާސްތައް ހިފަހައްޓައި، ނަމޫނާ ބޭފުޅަކަށް ވާތީ ކަމަށް ސާބެ ވިދާޅުވިއެވެ.
ސާބެ ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވައި އިންތި ވިދާޅުވީ، މީގެ ކުރިންވެސް އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް މެނޭޖްކުރުމާއި ސިޔާސަތުތައް ކަނޑައެޅުމުގައި އެ ޕާޓީގައި އިސްކޮށް އުޅުއްވާ ސާބެ، ކެމްޕެއިން މެނޭޖަރަކަށް ވަޑައިގަތުމަކީ، އޭނާ އެ މަގާމަށް އައުމަށް އިތުރު ބާރެއް ލިބުން ކަހަލަ ކަމެއް ކަމަށެވެ.
އިންތިގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ދެން ކުރިމަތިލައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވުމަށް ފަހު، އެސްޓީއޮގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވާފައެވެ. އެއާއެކު، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަނީ މިނިސްޓަރު ފައްޔާޒާއި އިންތި އެކަންޏެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލުމަށް އެ ޕާޓީން ހުޅުވާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ހަތް ދުވަހުގެ މުއްދަތަކަށް، އޭރު އެ ޕާޓީގެ ޗެއާޕާސަން ކަން ކުރެއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ދައުރު ހަމަވުމުންނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ ފަސް އަހަރު ދުވަހުގެ މަގާމެއް ކަމަށް ވާއިރު، އެއް ދައުރު މިހާތަނަށް ފުރިހަމަކުރެއްވި ހަމައެކަނި ބޭފުޅަކީ ހަސަން ލަތީފެވެ.
ޗެއާޕާސަންގެ މަގާމުގެ އިތުރުން، އެމްޑީޕީގެ ޒުވާނުންގެ ވިންދާއި އަންހެނުންގެ ރޫހުގެ ރައީސުންގެ މަގާމުތަކަށް ކުރިމަތިލުމަށްވެސް ހުޅުވާލާފައިވެއެވެ. އެ މަގާމުތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 16 ގައެވެ.