އެމްޑިޕީގެ ޗެއާޕާންސަން ހޮވުމަށް އިންތިހާބު ބާއްވަން އިއުލާން ކުރުމާއެކު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން އާންމުންގެ ތަރުހީބު އޮތީ ކޮން ބޭފުޅަކަށްތޯ ބެލުމަށް 'ދަ ޕްރެސް' ގެ ޓްވިޓާ ހެންޑްލްގައި މިއަދު "ޕްރެސް ޕޯލް" ގެ ނަމުގައި ޕޯލެއް ފަށައިފިއެވެ.

މި ޕޯލް ކުރިއަށް ދާނީ މިއަދުން ފެށިގެން ފަސް ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން ޕޯލްގެ ސުންގަޑި ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ. މިއަދު 'ދަ ޕްރެސް' އިން ޓްވީޓަގައި ހުޅުވާލީ ޕޯލަށް 4 ގަޑިއިރު ވެފައިވާ އިރު، 36 މީހަކު ވަނީ ޕޯލްގެ ވޯޓުގައި ބައިވެރިވެފައެވެ. މި ވަގުތު ނަތީޖާ ދައްކާ ގޮތުގައި 55.6 ޕަސެންޓް ވޯޓާއެކު އިމްތިޔާޒް ފަހުމީ ވަނީ ކުރި ހޯއްދަވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބަށް ކުރިމަތިލާން އެމްޑީޕީގެ މެންބަރުންނަށް ހުޅުވާލާފައި ވާއިރު، އިންތިހާބުގައި ބައިވެރިވާނެ ކަމަށް އިއުލާން ކުރޢްވާފައި ވަނީ ސިޔާސީ ގޮތުން ވާދަވެރި ދެ ބޭފުޅެކެވެ. އެއީ މި ވަގުތު އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގައި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މި ދެބޭފުޅުން އެމްޑީޕީ ޗެއާޕާސްން ކަމަށް ވާދަކުރައްވާކަން އިއުލާން ކުރެއްވުމާއެކު، މި އިންތިހާބުވެސް ވަނީ ދެ ފެކްޝަނަށް ބެހިފައި ކަމަށް ގިނަ ބަޔަކު އަންނަނީ ގަބޫލު ކުރަމުންނެވެ. ފައްޔާޒް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެއް ކަމަށާއި އަދި އިންތި އަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެއް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ ބުނަމުންނެވެ. މީގެ ކުރިން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވެސް ދެ ފެކްޝަނަކަށް ބެހިފައި އޮތް ކަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ވާދަވެރިކަމާއި ފޯރި ދައްކުވައިދޭ ކަމެއް ކަމަށް މީހުން ގަބޫލުކުރެއެވެ.

އެމްޑީޕީގެ އެތެރޭގައި ދެ ބަޔަކަށް މެންބަރުންތައް ބެހިފައިވާ ސަބަބެއް ކަމަށް ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކާ މެދު އޮތް ހިޔާޅުތަފާތުވުންތަކާ ހެދިއެވެ. އެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްކޮޅުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭއިރު، ދެން ވާދަކުރައްވާނީ މިހާރު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި އަދި މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު ނަޝީދު ކަމަށް ބެލެވެއެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަން ޕްރޮމޯޓް ކޮށްފައި ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް އަޑު އުފުލަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ދައުރު ހަމަވެފަައި ވާ އިރު، އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ރައީސްކަމުގައި މިހާރު ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ފުރުއްވާފައި ވެއެވެ.