މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވާދަނުކުރައްވަން ނިންމަވައިފިއެވެ.

ޗެއާޕާސަންގެ މަގާމަށް އަމްރު ވާދަކުރައްވާނެކަން ރަސްމީކޮށް ހާމަނުކުރެއްވި ނަމަވެސް އޭނާގެ ބައެއް ގާތް ފަރާތްތަކުން ވަނީ ބައެއް ނޫސްތަކަށް އެކަން ކަށަވަރު ކޮށްދީފައެވެ.

ޗެއާޕާސަންގެ މަގާމަށް އަމްރު ވާދަނުކުރައްވަން ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ.

އަމްރު އެ މަގާމަށް އަމްރު ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާއިރު އެއެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ވަނީ ދާދި ފަހުން ހާމަކުރައްވާފައެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް އެ މަގާމަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައިވެއެވެ.

އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ފުރުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ރައީސްކަމުގައި މިހާރު ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ފުރުއްވާފައިވެއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ ދެ މަސްދުވަސް ކުރިން އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، އެއް މަސްދުވަސް ކުރިން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓެއް އެކުލަވާލައި އިއުލާން ކުރަން ޖެހޭނެއެވެ.

ޗެއާޕާސަންގެ އިތުރުން، އެމްޑީޕީން ވަނީ އެ ޕާޓީގެ އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމުގެ އިންތިހާބު، އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައެވެ.