ގާނޫނުއަސާސީއަށް ގެންނާނެ އިސްލާހުތައް ފާސްކުރުމަށްޓަކައި އެމްޑީޕީން ބާއްވާ ހާއްސަ ކޮންގްރެސް އަންނަ އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ފާސްކޮށްފިއެވެ.

އެމްޑީޕީގެ އެތެރޭގެ ބައެއް މަގާމުތަކުގެ ދައުރު ހަމަވާތީވެ، އެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމާބެހޭ ގަރާރެއް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަދި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ. އެ ގަރާރުގައި ޝިފާ ވަނީ އެމްޑީޕީން ބާއްވާ ކޮންގްރެސް އަންނަ އޮގަސްޓް މަހުގެ ހަތަރެއްގައި ބާއްވަންވެސް ހުށަހަޅުއްވާފައެވެ.

އެ ގަރާރަށް އެމްޑީޕީގެ ލ. ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ތާއީދު ކުރައްވާފައެވެ.

މީގެ އިތުރުން، އެ ގަރާރުގައި އެމްޑީޕީގެ އެތެރޭގެ މަގާމުތަކުގެ ތެރެއިން ދައުރު ހަމަވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ތާރީހުތަކާއި އެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރާނެ ތާރީހުވެސް ހުށަހަޅުއްވާފައިވެއެވެ. އެ މަގާމުތަކަކީ:

  • ޕާޓީގެ ޗެއާޕާސަން
  • ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް
  • ޕާޓީގެ ޒުވާނުންގެ ހިއްވަރުގެ ރައީސް
  • ޕާލިމަންޓްރީ މެންބަރުންގެ ގްރޫޕްގެ ލީޑަރު

އޭގެ ތެރެއިން ޕާޓީގެ ޗެއާޕާސަނާއި އަންހެނުންގެ ރޫހުގެ ރައީސާއި، ޒުވާނުންގެ ހިއްވަރުގެ ރައީސްގެ މަގާމުތަކަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ހުޅުވާލައި، އަންނަ އޭޕްރިލް މަހުގެ 16 ގައި އިންތިހާބު ބޭއްވުމަށް ހުށަހަޅުއްވާފައިވާއިރު، ޕީޖީ ގްރޫޕްގެ ލީޑަރުގެ މަގާމަށް މިއަދު ހުޅުވާލައި އޭގެ ހަތް ދުވަސް ފަހުން އެ މަގާމުގެ އިންތިހާބު ބޭއްވުމަށް ހުށަހަޅުއްވާފައިވެއެވެ.

ޝިފާ ހުށަހެޅުއްވި ގަރާރު، އެމްޑީޕީގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

އެމްޑީޕީން ބާއްވާ ހާއްސަ ކޮންގްރެސް ބާއްވަން ތާރީހެއް ހުށަހަޅާފައިވާއިރު، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބަދަލުތަކެއް މިރޭގެ މަޖިލީހުގައި ހުށަހަޅުއްވާފައެވެ

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ނަޝީދު ހުށަހަޅުއްވާ ބަދަލުތައް

  • މިނިވަން މުއައްސަސާތައް އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ފާސްކުރުން
  • ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހޭ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން
  • ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓު 30 ޕަސެންޓަށް ވުރެ މަތިން ހޯއްދަވައިފި ނަމަ، އެ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން، އެހެންނޫނީ އެންމެ ގިނަ ވޯޓު ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި އިތުރު ބުރެއް ބޭއްވުން
  • ލާމަރުކަޒީ އުސޫލުތައް އިތުރުކުރުން
  • ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓު ނަގާނެ ތާރީހަކާއި އިންތިހާބުގެ ނަތީޖާ އާ އެއްގޮތަށް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސް އިން ނިންމުން