މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާދަކުރައްވަން ނިންމަވާފިއެވެ.

ފައްޔާޒް ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް އޭނާގެ ބައެއް ގާތް ފަރާތްތަކުން ވަނީ ބައެއް ނޫސްތަކަށް އެކަން ކަށަވަރު ކޮށްދީފައެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒު އަދި އަމްރުގެ އިތުރުން ފޮރިން މިނިސްޓަރު ވެސް މި މަގާމަށް ކުރިމަތިލައްވައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ޗެއާޕާސަންގެ ދައުރު މިއަދަށް ހަމަވެއެވެ. އޭނާ އެމަގާމަށް އައްޔަނު ކޮށްފައިވަނީ ފެބުރުއަރީ 10، 2017 ގައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމާފައިވާއިރު އެ ބައްދަލުވުމަށް ވަނީ ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައެވެ.