ކަނޑުގެ ހުރިހާ ހިސާބަކަށްވެސް ޕްލާސްޓިކްގެ ތަޣައްޔަރުކަން ފެތުރިފައި ވާ ކަމަށާ، އެންމެ ކުދި ދިރުންތަކުގެ ތެރޭގައި ހިމެނޭ ޕްލޭންކްޓަންސްއާ، އެންމެ ބިޔަ ބޮޑުމަސްތަކުގައިވެސް ޕްލާސްޓިކްގެ އަސަރު އެކުލެވޭ ކަމަށް، ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތައް ރައްކާތެރި ކުރަން ހަރަކާތްތެރިވާ ޖަމިއްޔާ، ވޯލްޑް ވައިލްޑްލައިފް ފަންޑް (ޑަބްލިއުޑަބްލިއުއެފް) އިން ބުނެފިއެވެ.

ކަނޑުގެ އެންމެ ކުދި ދިރުންތަކުންވެސް ޕްލާސްޓިކްގެ އަސަރު ފެނިފައި ވާ ކަމުގެ އިންޒާރު ދެމުން ވޯލްޑް ވައިލްޑްލައިފް ފަންޑުން ވަނީ، ޕްލާސްޓިކާ ބެހޭ މުއާހަދާއެއް، ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާލުމަށް ގޮވާލާފައެވެ.

ޕްލާސްޓިކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއެއް މިވަގުތު ނެތް އިރު، މިކަމާ ބެހޭ މަޝްވަރާތަކެއް، މި މަމހު ނައިރޯބީގައި ފަށާ އދގެ މައްދަލުވުމުގައި ކުރެވިގެންދާނެ ކަމަށް ހަބަރު ލިބެއެވެ.

ބައެއް އަންދާޒާތަކަށް ބަލާއިރު، އަހަރެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނުގެ ސަތަހައަށް އުކާލާ ޕްލާސްޓިކް ކުނީގެ ބަރުދަން، 19 މިލިއަނާއި 23 މިލިއަން ޓަނާ ދެމެދު މިންވަރަކަށް އަރާ ކަމަށް ވޯލްޑް ވައިލްޑްލައިފް ފަންޑުން ދާދި ފަހުން އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.

ގައުމުތަކުން ކިތަންމެ މަސައްކަތެއް ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ކަނޑުގެ ސަތަހައަށް އުކާލާ ޕްލާސްޓިކް ކުނީގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތަކެވެ.

2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ތަހުލީލު ކުރި 555 ބާވަތެއްގެ މަހުގެ ތެރެއިން 386 ބާވަތަކަށް، ޕްލާސްޓިކް ކެވިފައި ވާ ކަން ވަނީ ހާމަވެފައެވެ.

ފެނުގާ ޖެހުމާއެކު ޕްލާސްޓިކް ހަލާކުވާން ފަށައެވެ. މި ގޮތަށް މުގުރި، ފުނޑެމުން ގޮސް، ހަމަ ލޮލަށް ނުފެންނަހާ ކުދި، ނެނޯޕްލާސްޓިކް ކޮޅުތަކަކަށް ބަދަލުވެއެވެ.

ޕްލާސްޓިކުން ތަޣައްޔަރު ކުރުން މުޅިން ހުއްޓާލި ކަމުގައި ވީ ނަމަވެސް، 2050 ވަނަ އަހަރު އަންނައިރު، ކަނޑުތަކުގައި ވާ މައިކްރޯޕްލާސްޓިކްގެ މިންވަރު 2 ގުނަ ވުން އެކަށީގެންވެއެވެ.

ކަން މިހެން އޮތް އިރު، ޕްލާސްޓިކް އުފައްދާ މިންވަރު އަދިވެސް ދަނީ އިތުރު ވަމުންނެވެ. ވޯލްޑް ވައިލްޑްލައިފް ފަންޑުން ލަފާ ކުރާ ގޮތުގައި، 2040 ވަނަ އަހަރު އަންނައިރު، މި އަދަދު 2 ގުނަ އިތުރު ވާނެއެވެ. ހަމަ މުއްދަތުގެ ތެރޭގައި، ޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރު ވާ މިންވަރު، 3 ގުނަ އިތުރު ވާނެ ކަމަށްވެސް ވޯލްޑް ވައިލްޑްލައިފް ފަންޑުން ލަފާ ކުރެއެވެ.