އިންތިހާއަށް މަސްރަހު ނުތަނަވަސް ވެފައި ވާ ޔޫކްރައިން ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި، ރަޝިއާއިން އަދިވެސް ދަނީ އަސްކަރީ ބާރުވެރިކަން ވަރުގަދަ ކުރަމުން ކަމަށް އެމެރިކާއިން ބުނެފިއެވެ.

ރަޝިއާގެ އަސްކަރިއްޔާ ވަރުގަދަ ކުރަމުން އަންނަ ކަމަށް އެމެރިކާއިން މިއަދު ބުނެފައި ވާއިރު، ޔޫކްރައިންއާއި ރަޝިއާގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ޑިޕްލޮމަސީގެ ތެރެއިން ހައްލު ހޯދުމަށްވެސް މަސައްކަތްތަކެއް ކުރަމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ކަން މިހެން އޮތް އިރު، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ބުނީ، ރަޝިއާގެ އެކި ހިސާބުތަކުން ބޯޑަރު ސަރަހައްދަށް އަސްކަރީ ފައުޖުތައް އަންނަމުން ދާ ކަމަށާ، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ވެސް، ޔޫކްރައިންއާއި ރަޝިއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުން އެކަން ފެނިފައި ވާ ކަމަށެވެ.

ރަޝިއާގެ އަސްކަރީ ފައުޖުތަކަށް ނިސްބަތް ކޮށް ޕެންޓަގަންއިން ވަނީ، އަދަދުތައް އިތުރުވަމުން ދާ ކަމަށް ބުނެފައެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ، ސީދާ ހަނގުރާމަ މަތީ ފައުޖުތައްވެސް ބޯޑަރު ސަރަހައްދަށް މިސްރާބު ޖަހާފައި ވާ ކަމުގެ އިޝާރާތްތައް ލިބިފައި ވ ކަމަށެވެ. އަދި ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަށް އިޝާރާތް ކުރައްވަމުން، ކޮންމެ ދުވަހަކުވެސް އޭނާ ގެންދަވަނީ ގާބިލިއްޔަތުކަން އިތުރު ކުރައްވަމުން ކަމަށް ކާބީ ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ ބެލަރޫސްއާއެކު އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ރަޝިއާއިން ތައްޔާރު ވެފައި ވާ ދަނޑިވަޅެކެވެ. މިއީ ހަނގުރާމައަށް ހިތްވަރު ދެނިވި ކަމެއް ކަމަށް އެމެރިކާއިން ވަނީ ސިފަ ކޮށްފައެވެ.

ޔޫކްރައިންގެ މައްސަލައަށް ޑިޕްލޮމަސީ ނުވަތަ ސުލްހަވެރި މަޝްވަރާގެ ތެރެއިން ހައްލު އޮތް ކަމަށް ގަބޫލު ކުރައްވާކަމަށް ރަޝިއާއިން ވިލާތުގެ އިއްތިހާދު (އީޔޫ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވްލޭޑްމިއާ ޗީޒްހޮފް ވަނީ ވިދާޅުވެފައެވެ. އެއްވެސް ގައުމަކަށް އެރުމުގެ ނިޔަތެއް ރަޝިއާގައި ނެތް ކަމަށާ، ނަމަވެސް ރަޝިއާގެ ވިސްނުން ބަދަލު ކުރުމަށް އެއްވެސް ގައުމަކުން މަޖުބޫރު ނުކުރުންވެސް މުހިންމު ކަމަށް ޗީޒްހޮފް ވަނީ ވިދާޅުވެފައެވެ.