ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އާ ވޭރިއަންޓް، "އޮމިކްރޯން" ފެނުނު ފަހުން މިހާތަނަށް، ބައި މިލިއަން ކޭސް، ކޮވިޑް މަރުގެ ގޮތުގައި ރެކޯޑް ކޮށްފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަ ކޮށްފިއެވެ.
މިދިޔަ ނޮވެމްބަރު މަސް ނިމެން ދަނިކޮށް ފެނުނު އޮމިކްރޯން ވޭރިއަންޓަކީ ކަންބޮޑުވާން ޖެހޭ ދަރަޖައިގެ ވޭރިއަންޓެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅިފަހުން މިހާތަނަށް، 130 މިލިއަން ކޭސް ފެނިފައި ވާއިރު، މަރުގެ ކޭސް ނަމްބަރު 5 ލައްކައަށް އަރައެވެ.
އޮމިކްރޯންއަކީ އިންތިހާ ހަލުވި ދުވެލީގައި ފެތުރިގެންދާ ވޭރިއަންޓެއް ކަމުން، މުޅި ދުނިޔެ ކޮންޓްރޯލް ކުރި ވޭރިއަންޓަކަށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޮމިކްރޯން ވެގެން ދިޔައީ އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓް ފަހަތަށް ޖައްސާލުމަށް ފަހުގައެވެ.
މިއީ ކޮވިޑުން ދިފާއުވުމަށް ނަތީޖާ ރަނގަޅު ވެކްސިންތަކެއް ޖަހަމުން ދާ ދުވަސްވަރަކަށް ވެފައި، ބައި މިލިއަން މީހުން މަރުވުމަކީ ސަމާލުވާން ޖެހޭ ވަރުގެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ވަނީ އިޝާރާތް ކޮށްފައެވެ. އޮމިކްރޯންއަކީ މާ ބޮޑު ނުރައްކާތަކެއް އޮތް ވޭރިއަންޓެއް ނޫން ކަމަށް ދޭހަ ވާ ފަދަ ނަޒަރަކުން ބައެއް ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކުން އަމަލު ކުރަމުން ދާއިރު، ބައި މިލިއަން މީހުންގެ ފުރާނަ ގެއްލިދިޔަ ކަން ވަޒަން ކުރުމަށް ގައުމުތައް ފެއިލް ވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.
ޑަބްލިއުއެޗްއޯގެ މަންދޫބެއް ކަމަށް މާރިއާ ވެން ކެރްކޯފް ވަނީ، ބައެއް ގައުމުތަކަށް އޮމިކްރޯންގެ އެންމެ ޕީކް ނުވަތަ ކޭސް ނަމްބަރުތައް އޭގެ އެންމެ އިންތިހާ މައްޗަށް އުފުލިގެން ދާ ދުވަސްތައް އަދި ކުރިމަތި ނުވާ ކަމާށް ވިދާޅުވެފައެވެ.
ކޮވިޑް ޖައްސާ ސާސްކޮވް ވައިރަހަކީ އަދިވެސް ނުރައްކާތެރި ވައިރަހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ހުރިހާ ގައުމަކުންހެން އޮމިކްރޯން ވޭރިއަންޓް ފެނިފައި ވާއިރު، ބައިނަލްއަގުވާމީ ސައެންސް އިނިޝިއޭޓިވް ޖީސެއިޑްއަށް އަޕްލޯޑް ކޮށްފައިވާ، ސާމްޕަލްތަކަށް ބަލާއިރު، ސީކުއަންސް ކޮށްފައިވާ ސާމްޕަލްތަކުގެ 96.7 ޕަސެންޓް ހިއްސާ ކުރަނީ އޮމިކްރޯންއެވެ. ޑެލްޓާ ހިއްސާ ކުރަނީ އެންމެ 3.3 ޕަސެންޓްއެވެ.
ކޮވިޑުން ދިފާއުވުމަށް މިހާރު ޖަހަމުން ދަނީ ކޮވިޑާ ދެކޮޅަށް ކިހާ ކާމިޔާބު ވެކްސިންތަކެއް ކަމަށް ބާރު ދޭ މާ ބޮޑު ސައެންޓިފިކް ހެކިތަކެއް އަދި ހޯދިފައެއް ނުވެއެވެ.