މާލޭގައި އެޕޮއިންޓްމެންޓް ހެދުމަކާ ނުލައި ކޮވިޑް-19 ބޫސްޓާ ޑޯޒް ޖަހައިދޭން އެޗްޕީއޭއިން ފަށައިފިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ ކޮވިޑުން ރައްކާތެރި ވުމަށް ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަކުރިތާ ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުން މަތީގެ އެންމެންގެ ތެރެއިން އެޕޮއިންޓްމަންޓް ހައްދާ ތަރުތީބުންނެވެ. އަދި މިއަދު ވަނީ އެ އުސޫލު ބަދަލުކޮށް މާލެ ސަރަހައްދުގެ ކޮންމެ ސެންޓަރަކުންވެސް އެޕޮއިންޓްމެންޓް ނުހައްދާ ވެކްސިން ޖެހޭ ގޮތް ހަދާފައެވެ.
އެޗްޕީއޭއިން މިއަދު ބުނީ އެޕޮއިންޓްމެންޓް ހެއްދުމަކާ ނުލާ މާލޭގެ ހުރިހާ ވެކްސިން ސެންޓަރުތަކަށް ގޮސް ފައިޒާގެ ބޫސްޓާ ޑޯޒް ޖެހޭނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ މަރުކަޒުތަކާއި ހިދުމަތްދޭ ގަޑިތައް:
- ދަރުމަވަންތަ ހޮސްޕިޓަލް - ބުރާސްފަތި، ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9- މެންދުރުފަހު 12:45 އަދި މެންދުރުފަހު 2 - އިރުއޮއްސު 6:45
- ސެނަހިޔާ - ބުރާސްފަރި، ހުކުރު، ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 12 - މެންދުރުފަހު 3
- ދަމަނަވެށި - ބުރާސްފަރި، ހުކުރު، ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު މެންދުރުފަހު 1 - ހަވީރު 4
- ދަރުބާރުގެ - ބުރާސްފަރި، ހުކުރު، ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 11 - މެންދުރުފަހު 1 އަދި މެންދުރުފަހު 2 - ހަވީރު 5:45
- ހުޅުމާލެ ހޮސްޕިޓަލް - ބުރާސްފަތި، ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9- މެންދުރުފަހު 1 އަދި މެންދުރުފަހު 2 - ހަވީރު 5
- ޓްރީޓޮޕް ހޮސްޕިޓަލް - އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9- މެންދުރު 12 އަދި މެންދުރުފަހު 2 - ހަވީރު 4
ރާއްޖޭގައި މިހާތަނަށް 397،804 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު ދެވަނަ ޑޯޒް ޖަހާފައި ވަނީ 370،161 މީހުންނެވެ. ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 91،387 އެވެ.