"ހަނދާނާއި ތާރީހުގެ ތެރެއިން ފެލިދު އަތޮޅު" މިނަމުގައި ފެލިދޫ އަބްދުލް އަޒީޒު އިބްރާހިމް (ފެލިދޫ އަޒީބެ) ލިޔުއްވާފައިވާ ފޮތް، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ ނެރެދެއްވައިފިއެވެ.

ހޯމަ ދުވަހު ފެލިދެ އަތޮޅު، އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު އާއިޝަތު ވިދާޅުވީ ފުރަތަމަ ވެސް މިފޮތް ހުޅުވާލުމާއިއެކު ފޮތް ކިޔުމަށް ޝައުގުވެރިކަން އުފެދުނު ކަމަށާއި މިފޮތް ލިޔުއްވި ފެލިދޫ އަބްދުލް އަޒީޒު އިބްރާހިމް (ފެލިދޫ އަޒީބެ) އަކީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ. އަދި މި ފޮތަކީ ވަރަށް މުހިއްމު ފޮތަކަށްވާއިރު ސްކޫލު ނިމޭ ކޮންމެ ކުއްޖަކަށްވެސް ތާރީހާއި ބެހޭ މައުލޫމާތު މިފޮތުގެ ޒަރީއާއިން ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ މުހިއްމު ކަމެއް ކަމަށާއި ފޮތެއް ދިރޭނީ އެފޮތް ބޭނުންކޮށްގެން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ މިފޮތަކީ ފެލިދު އަތޮޅަށް، މި މިޖުތަމައުއަށް ބޮޑުވާ ކުދިންނަށް އަތޮޅުގެ މައުލޫމާތު އެނގި، އަތޮޅުގެ ކާބަފައިން އުޅުނު ގޮތް ދަސްވެ، ކުދިންގެ ގައިގައި މިފަދަ އަސާސްތައް އަށަގެންނެވުމަށްޓަކައި ވަރަށް ބޭނުންތެރި އަގުހުރި ފޮތެއް ކަމަށްވެސް ފާހަގަކުރައްވާފައެވެ.

ފެލިދު އަތޮޅުގެ ތާރީހާއި ގިނަ މަޢުލޫމާތު އެކި ދުވަސްވަރު މަތިން އެއް ކުރުމަށްފަހު ލިޔެފައިވާ މި ފޮތުގެ މުހިއްމު ބައިތަކަށް ބަލާއިރު ފެލިދު އަތޮޅަށް އެކި ގޮތްގޮތުން ހިދުމަތްކުރައްވާފައިވާ ބޭބޭފުޅުންގެ މައުލޫމާތާއި، ވ. އަތޮޅުގެ ގުދުރަތީ ސިފަތަކާއި ބެހޭ ތަފްސީލީ މައުލޫމާތުގެ ހިމެނެއެވެ. އަދި އިގްތިސާދާއި މަސްވެރިކަމުގެ ގޮތުން އެދުވަސްވަރު ކޮށްފައިވާ ބައެއް މުހިއްމު ކަންކަމާއި ބެހޭ މައުލޫމާތުގެ އިތުރުން ތާރީހީ ގޮތުން ފެލިދު އަތޮޅުގެ ކަންކަން ދައްކުވައިދޭ ފޮޓޯތަކާއި އަދި އެ ނޫންވެސް މުހިއްމު ވަރަށް ގިނަ ތާރީހީ ވާހަކަތައް ވަނީ އެ ފޮތުގައި ހިމެނެއެވެ.

މީގެ އިތުރުން މިފޮތަކީ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ދުވަހުން އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ.